މަސްވެރިން މާޔޫސްވެފައިވާ ކަމަށާއި، 100 ޓަނަށް ވުރެ ގިނަ ކަންކެނެލި ނުކިރި ބަނދަރު ތަކުގައި ތިބެންޖެހިފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކަންބޮޑުވުންފާޅު ކޮށް ބުނީ، ކަންނެލި ނުކިރި ކަންނެލި ދޯނިފަހަރު ކިޔު ޖެހިފައިވާ ކަމަށެވެ. މިހާރު ތިބި ދޯނި ތަކުން 120 ޓަނަށް ވުރެގިނަ ކަންނެލި ނުކިރި އެބަހުރި ކަމަށެވެ.
އެޔޫނިއަންއިން ބުނީ، ކިރިޔާވެސް ކަންނެލި މަސްވެރިކަން ރަނގަޅުވާއިރު، ކަންނެލި މަސްވެރިން އުޅެން ޖެހެނީ އެ ހާލުގައި ކަމަށާއި، ރަނގަޅު ހާލަތެއް ކުރިމަތިނުވާ ކަމަށެވެ. އަދި މިއަދު މަސްވެރިން ތިބީ މާޔޫސްވެފައި ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެއެވެ.
މީގެ އިތުރުން ދުނިޔޭގެ އިގުތިސާދު ރަނގަޅު، މަހުގެ ޑިމާންޑް ރަނގަޅު ވަގުތުތަކުގައިވެސް ބޮޑުކަންނެލި މަސްވެރީންނަށް ރަނގަޅު އަގެއްގައި މަސްކޮޅު ވިއްކައި ނުލެވޭ ކަން ފާހަގަކޮށްފައިވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މަސްވެރިން ބުނެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓު ދިނީ މަސްވެރިވެރިކަމުގެ ސިނާއަތް އައު ހަރުފަތަކަށް ގެންދާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ ގުޅިގެން ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މަސްވެރިންނަށް ވަރަށް ދަތި ކުރަމުންދާ ކަމަށާއި، މިހައި ދަތި ދުވަސްވަރެއް އަދި ކުރިމަތިނުވާ ކަމަށް އެމަސްވެރިން ބުނެފައިވެއެވެ.
މި ސަރުކާރުގައި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ވެސް ނުލިބި، ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެވަޑައިގެންނެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ރައީސް މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ. މަސްކިލޯއެއް މިފްކޯއަށް ގަންނަ އަގު 20ރ އަށްވުރެ ދަށްނުކުރައްވާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންނެވިއެވެ.
ނަމަވެސް މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދައްކާނެ ކަމަށް ވި ވައުދު، ބީއެމްއެލްގައި އެކައުންޓް ހުންނަށް އޮޑިވެރިންނަށް، އެތައް ދުވަހެއް ފަހުން ދިވެހި ރުފިޔާ އިން ފައިސާ ދައްކެމަށްފަހު ފުއްދަވާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.