ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 81 ފަލަސްތީނު މީހުން ޝަހީދުވެ، 422 މީހުން ޒަޚަމް ވެއްޖެ އެވެ.
2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 56,412 އަށް އަރާފައިވާ އިރު، 133,054 މީހުން ޒަޚަމްވެފައި ވެއެވެ.
މާރޗް 18 ގައި އިސްރާއީލުން ހުއްޓާލި ކަމަށް ބުނި ހަމަލާތައް އަލުން ފެށިފަހުން މަދުވެގެން 6,089 މީހުން މަރުވެ، 21,013 މީހުން ޒަޚަމް ވެފައި ވެއެވެ.
ޣައްޒާގައި ކޮންމެ ދުވަހަކު ކުށެއް ނެތް އެތައް ބަޔަކު އިސްރާއީލުން ހަމަލާ ދީ މަރަމުން ދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ވިދާޅުވީ "އަންނަ ހަފްތާގެ ތެރޭގައި" ޣައްޒާގައި ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، ބަނޑުހައިވެފައިވާ ފަލަސްތީނު ރައްޔިތުން އެހީ ހޯދުމަށް އެހީ ބަހާ މަރުކަޒު ތަކުގެ ދޮށަށް ދިއުމުން އެމީހުންގެ ގަޔަށް ބަޑިޖެހުން ވަނީ އާންމު ކަމަކަށް ވެފައެވެ.
މީޑިއާ އޮފީހުން ބުނެފައިވަނީ ފަލަސްތީނު މީހުންގެ ގަޔަށް "ގަސްތުގައި ބަޑި ޖަހަން" އަމުރުކުރި ކަމަށް އިސްރާއީލުގެ މީޑިއާގައި ހާމަވެފައިވާ މަޢުލޫމާތަކީ ޣައްޒާގައި ހިންގާ "ހަނގުރާމައިގެ ކުށްތަކުގެ" އިތުރު ޖަރީމާ އެކެވެ.
އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) ގެ އިސްވެރިޔާ ވިދާޅުވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުގެ އެހީތެރި ކަމާ އެކު ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިން ހިންގާ އެހީ ބެހުމުގެ ސަރަޙައްދު ތަކަކީ "މަރުގެ މައިދާން" ތަކެކެވެ.