އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގައި، ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމަށް ހަފުތާއެއްގެ ތެރޭގައި އަމަލު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެކަމުގައި އުންމީދެއް އޮތް ކަމަށެވެ. ނަަމަވެސް، ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ ކޮން ބައެއް ކަމެއް ޓްރަމްޕް ވިދާޅު ނުވެ އެވެ.
ޓްރަމްޕް ވިދާޅުވީ އެ ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށާއި، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެއްބަސްވުމަކާ ހަމައަށް އައު އޮތީ ދާދި ކައިރީގައި ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޯޑަންގެ ވެރި ރަށް އަންމާންގައި ހުރެ އަލް ޖަޒީރާގެ ނޫސްވެރިޔަކު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ އެ ވާހަކަ ތަކަކީ އުންމީދީ ވާހަކަ ތަކަކަށް ވެދާނެ ކަމަށެވެ. ނަމަވެސް، އޭނާ ފާހަގަ ކޮށްފައިވާ ގޮތުގައި މި ވަގުތު ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް މަޝްވަރާއެއް ސަރަހައްދުގެ އެއްވެސް ދިމާލެއްގައި ކުރިއަށް ނުދެ އެވެ.
އެހެން ނަމަވެސް އޭނާ ބުނެފައި ވަނީ، އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމައަށް އާދެވުނު ފަހުން، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ނަމަވެސް އިސްރާއީލް އިން ހަނގުރާމަ ހުއްޓާލަން ބޭނުން ނުވާ ކަމަށާއި، އެކަން ކޮށްފި ނަމަ، ބޮޑު ރިސްކެއް އޮތް ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ޤަބޫލު ކުރައްވާ ކަަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، އަދި އަރަބި ޤައުމުތަކުން ވެސް ބަލައިގެންފައިވާ އެއްބަސްވުމުގެ ކޮންމެ ވެސް މިންވަރަަކަށް ނަތަންޔާހޫ ޤަބޫލު ކުރަން ޖެހޭނެ ކަމަށް ވެސް، ގިނަ ރިޕޯޓުތަކާ ހަވާލާދީ އަލް ޖަޒީރާގެ ނޫސްވެރިޔާ ވަނީ ބުނެފަ އެވެ.
ހަމާސް އިން ބުނެފައި ވަނީ މިދިޔަ މާޗު މަހުން ފެށިގެން އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، އެންމެ ފަހުން ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ ޚިލާފަށް ހިފާފައިވާ ސަރަހައްދުތަކުން ފޭބުމަށެވެ.
މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާއް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ކިބައިން ހޯދުމަށާއި، މަޝްވަރާ ކުރުމަށް އިތުރު ވަގުުރު ދޭން ޖެހިއްޖެ ނަމަ، އިސްރާއީލް އިން އަނެއްކާ ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ވެސް ވަނީ އެދިފަ އެވެ.