ޣައްޒާ ގައި އެމެރިކާ-އިސްރާއީލު ގުޅިގެން ހިންގާ އެހީގެ މަރުކަޒު ތަކުން ބެހި ފުށް ބަސްތާ ތަކުން މަސްތުވާތަކެތި ފެނުމާއެކު ކާބޯތަކެއްޗާއި މައްސުނި ކޮށް ފަލަސްތީނު ރައްޔިތުންނަށް މަސްތުވާ ތަކެތި ދިނުމަށް ޖަރީމާ އެއް ހިންގަމުންދާ ކަމަށް ބެލިއްޖެއެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މި މައްސަލައިގައި ކަންބޮޑުވުމާއި އެކު މިކަން ކުށްވެރި ކޮށް ބަޔާނެއް ވަނީ ނެރެފައެވެ.
މީޑިއާ އޮފީހުން ބުނީ ޣައްޒާ ގައި އެމެރިކާ އާއި އިސްރާއީލުގެ އެހީގައި ހިންގާ އެހީގެ މަރުކަޒު ތަކުން ބެހި ފުށް ބަސްތާތަކުން "އޮކްސިކޯޑޯން ބާވަތުގެ މަސްތުވާ ބާވަތުގެ ގުޅަތައް" ފެނިފައިވާ ކަމަށެވެ.
މިބާވަތުގެ ގުޅަތައް އެތައް ބަޔަކަށް ފެނިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވެއެެވެ.
މީގެ އެންމެ ނުރައްކާތެރި ކަމަކީ މިފަދަ މަސްތުވާތަކެތީގެ ބައެއް ބާވަތްތައް ގަސްދުގައި ހިމުން ކޮށް ފުށާ އެއްކޮށްފައި ހުރުން އެކަށީގެންވުން ކަމަށާއި، މިފަދަ ކަމެއް ކޮށްފައި ހުރެއްޖެ ނަމަ ކުށް ކުރުން އިތުރުވުން ފަދަ ކަންކަން ހިނގުމުގެ ނުރައްކާ އޮތް ކަމަށް ބުނެފައިވެއެވެ.
ކުށުގެ ނުރައްކަލުގެ އިތުރުން، މިއީ އާންމު ޞިއްޙަތަށް ސީދާ އަމާޒުކޮށްފައިވާ ނުރައްކާތެރި ހަމަލާ އެއް ކަމަށް ވެސް މީޑިއާ އޮފީހުން ޓެލެގްރާމްގައި ޝާއިޢުކުރި ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ކަމަށް ބަޔާނުގައި ވެއެވެ.
"މިއީ މަސްތުވާތަކެއްޗަށް ދެވިހިފުން ފެތުރުމާއި ފަލަސްޠީނުގެ އިޖްތިމާޢީ ފޭރާން ހަލާކުކުރުމަށް ކުރާ ކަމެކެވެ. މިއީ އަހަރެމެންގެ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ސިޔާސަތުގެ ބައެއްގެ ގޮތުގައި ހިންގާ ނިޒާމީ ސިޔާސަތެކެވެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
"އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ފަރާތުން މަސްތުވާ ތަކެތި ބޭނުން ކުރަނީ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަޑިމުޑުދާރު ހަނގުރާމަ އެއްގައި ލުއި ހަތިޔާރެއްގެ ގޮތުގައެވެ. އަދި މި ތަކެތި 'އެހީ އާއި އެހީތެރިކަމުގެ' ގެ ނަމުގައި ސްމަގްލް ކުރުމަކީ ހަނގުރާމައިގެ ކުށަކަށް ވުމުގެ އިތުރުން ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޤާނޫނުގެ ނުރައްކާތެރި ޚިލާފުވުމެކެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.