ކ. މާލެ
|
27 ޖޫން 2025 | ހުކުރު 17:13
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޝަރީއަތައް ހާޒިރު ވަނީ (ފައިލް)
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޝަރީއަތައް ހާޒިރު ވަނީ (ފައިލް)
ގެޓީއިމޭޖަސް
ބެންޖަމިން ނަތަންޔާހޫ
ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ޝަރީއަތް ލަސް ކުރެވެން ނެތް ކަމަށް ކޯޓުން ބުނެފި
ނަތަންޔާހޫގެ މައްޗަށް ކަރަޕްޝަންގެ ދެ މައްސަލަ އެއް ހުށަހެޅިފައިވޭ، އޭނާ ގެންދަވަނީ ގައުމީ ސަލާމަތް ސަބަބަކަށް ދައްކަވައިގެން އަޑުއެހުންތައް ކެންސަލު ކުރަމުން

އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލައިގެ އަޑުއެހުންތައް ފަސްކުރުމަށް އެދުނު އެދުން ބަލައިނުގަންނާނެ ކަމަށް އިސްރާއީލުގެ ކޯޓަކުން ބުނެފިއެވެ.

އިސްރާއީލީ ކޯޓަކުން ހުކުރު ދުވަހު ބުނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލައިގެ ހެކިބަސް ދިނުން ފަސްކުރުމަށް ނަތަންޔާހޫގެ ވަކީލުން އެދިފައިވާ ކަމަށެވެ.

ނަތަންޔާހޫގެ ވަކީލުން ބުރާސްފަތި ދުވަހު ކޯޓުގައި އެދުނީ ކުރިއަށް އޮތް ދެ ހަފްތާގެ އަޑުއެހުންތަކުން ނަތަންޔާހޫ ބަރީއަ ކޮށްދިނުމަށެވެ. ސަބަބަކަށް ބުނެފައިވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމަ އަށް ފަހު "ސަލާމަތީ މައްސަލަ ތަކަށް" އަހައްމިއްޔަތުކަން ދެއްވަން ޖެހޭތީ ކަމުގައެވެ.

ޖެރޫސަލަމްގެ ޑިސްޓްރިކްޓް ކޯޓުން އޮންލައިން ކޮށް ޝާއިޢު ކުރި ޙުކުމުގައި ބުނެފައި ވަނީ "މިހާރު ކަން އޮތް ގޮތުން، އެދިފައިވާ ގޮތައް އަޑުއެހުންތައް ކެންސަލް ކުރުމަށް އެއްވެސް އަސާސެއް ނުވަތަ ތަފްޞީލީ ސަބަބެއް ބަޔާންކޮށްފައި ނުވާ" ކަމަށެވެ.

ޓްރަމްޕް ބުދަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ނަތަންޔާހޫ އަކީ ގައުމީ ބަތަލެއް ކަމަށާއި އޭނާގެ މައްޗަށް އުފުލާފައިވާ މައްސަލަ "ވަގުތުން ބާތިލް ކުރަން ޖެހޭނެ ކަމަށް، ނުވަތަ މަތިވެރި ބަޠަލަކަށް މަޢާފު ދޭންޖެހޭނެ ކަމަށް" ވިދާޅުވެފައިވެއެވެ.

ޖޫން 24 ގައި ހުއްޓުމަކަށް އައި އިސްރާއީލާއި އީރާނާ ދެމެދު ހިނގި ކުރު ހަނގުރާމާގައި އެހީތެރިވެ ދެއްވި ކަމަށްޓަކައި ނަތަންޔާހޫ ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ޝުކުރު އަދާކޮށްފައެވެ.

ނަތަންޔާހޫ ވަނީ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ މައްސަލަ އަށް ދެކޮޅު ހައްދަވާފައެވެ. އަދި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން ދިގު ދެމިގެންދާ މި މަސައްކަ ސިފަކޮށްފައި ވަނީ ސިޔާސީ މަޤްޞަދެއްގައި ކުރިއަށް ގެންދާ މައްސަލަ އެއްގެ ގޮތުގައެވެ.

އެއް މައްސަލައިގައި، އޭނާ އާއި އޭނާގެ އަނބިކަނބަލުން ސާރާ އަށް ތުހުމަތު ކުރެވެނީ ސިޔާސީ މަންފާތަކެއް ހޯދުމަށްޓަކައި މަހުޖަނުންގެ އަތުން 260,000 ޑޮލަރަށް ވުރެ ގިނަ އަގުހުރި ތަކެތި ހޯއްދަވާފައިވާ ކަމަށެވެ.

އަނެއް މައްސަލައިގައި ނަތަންޔާހޫ އަށް ތުހުމަތު ކުރެވެނީ އިސްރާއީލްގެ ދެ މީޑިއާ އައުޓްލެޓަކުން އޭނާއަށް ފަހިވާގޮތަށް ޚަބަރު ގެނެސްދިނުމަށް މަންފާ ތަކެއް ދީގެން އޭނާ މަސައްކަތް ކުރެއްވި ކަމަށެވެ.

2022 ގެ ފަހުކޮޅުން ފެށިގެން ހިނގަމުންދާ ނަތަންޔާހޫގެ މިހާރުގެ ދައުރުގައި، އޭނާގެ ސަރުކާރުން ފުޅާ ދާއިރާއެއްގައި ޝަރުޢީ އިޞްލާޙު ކުރުމަށް ކަމަށް ބުނެ ހުށަހެޅުންތަކެއް ގާނޫނު ހަދާ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި އިޞްލާޙުތައް ފަރުމާ ކޮށްފައި ވަނީ ކޯޓުތައް ބަލިކަށި ކުރުމަށެވެ.

ނަތަންޔާހޫ ވަނީ 2020 ގެ މެއި މަހު ފެށުނު ޝަރީއަތް ގިނަ ފަހަރު މަތިން ފަސްކުރުމަށް އެދިފައެވެ. ގިނަ ފަހަރު ސަބަބަކަށް ދައްކާފައިވަނީ ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ އެކި އެކި ހަނގުރާމަތަކެވެ.

- ކޮމެންޓް