ކ. މާލެ
|
27 ޖޫން 2025 | ހުކުރު 13:36
ޣައްޒާ ސިޓީގެ އުތުރަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާ އެއްގައި ޝަހީދުވި ބައެއްގެ ހަށިތައް އަލް ޝިފާ ހޮސްޕިޓަލަށް ގެންނަމުން ދާއިރު އާއިލާގެ މެމްބަރުން ހިތާމަ ކުރަނީ - 27 މެއި 2025
ޣައްޒާ ސިޓީގެ އުތުރަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާ އެއްގައި ޝަހީދުވި ބައެއްގެ ހަށިތައް އަލް ޝިފާ ހޮސްޕިޓަލަށް ގެންނަމުން ދާއިރު އާއިލާގެ މެމްބަރުން ހިތާމަ ކުރަނީ - 27 މެއި 2025
ގެޓީއިމޭޖަސް
ޣައްޒާގެ ހާލަތު
ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ޣައްޒާއިން 72 މީހަކު ޝަހީދުކޮށްލައިފި
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ވޭތުވެދިޔަ 4 ހަފްތާގެ ތެރޭގައި އިންސާނީ އެހީ ހޯދަން އުޅުނު މަދުވެގެން 549 ފަލަސްތީނުން އިސްރާއީލު ބާރުތަކުން ޝަހީދުކޮށްލާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 72 މީހުން ޝަހީދުކޮށްފައިވާ ކަމަށް ގައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފިއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ވޭތުވެދިޔަ 4 ހަފްތާގެ ތެރޭގައި އިންސާނީ އެހީ ހޯދަން އުޅުނު މަދުވެގެން 549 ފަލަސްތީނުން އިސްރާއީލު ބާރުތަކުން ޝަހީދުކޮށްލާފައިވެއެވެ. އަދި އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އެހީ ބެހުމުގެ ސަރަޙައްދުތަކުގައި 4,066 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 56,259 މީހުން ޝަހީދުވެ، 132,458 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީނުގެ އިންސާނީ އެހީގެ މައި ނާރުކަމުގައިވާ އދ.ގެ ރިލީފް އެންޑް ވަރކްސް އޭޖެންސީން އިސްރާއީލަށް ގޮވާލާފައިވަނީ ޣައްޒާގެ އެސްޓިމޭޓް ކުރެވޭ 2 މިލިއަން ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާފައިވާ "ބްލޮކޭޑް" ނައްތާލުމަށެވެ. "އަންރުވާއަކީ ޣައްޒާގެ ރައްޔިތުންގެ ފުރާނައިގެ ވައު" ކަމަށް އދ. އޭޖެންސީން އެކްސްގައި ޕޯސްޓްކޮށްފައިވެއެވެ.

މިވަގުތު ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދެނީ އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިންނެވެ. މި ޖަމްޢިއްޔާއަކީ ކާބޯތަކެތީގެ އެހީއަށް އިންތިޒާރުކުރަމުންދިޔަ ސަތޭކަ އެތައް ފަލަސްތީނު މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއްކަމަށް ތުހުމަތުކުރެވެއެވެ.

މަޝްހޫރު އެހީގެ ޖަމްޢިއްޔާތަކާއި އދ. އިން މި އައު ޖަމްޢިއްޔާއާއެކު މަސައްކަތްކުރުމަށް އިންކާރުކޮށްފައިވަނީ، އަމިއްލަ ފަރާތްތަކުން ކުއްޔަށް ހިފާފައިވާ ހަތިޔާރު ލިބިފައިވާ އެމެރިކާގެ ސެކިއުރިޓީ މުވައްޒަފުންނާއެކު އިސްރާއީލު ސިފައިންނާ ގުޅިގެން އެހީ ފޯރުކޮށްދިނުމަކީ އަސާސީ އިންސާނީ އުސޫލުތަކާ ޚިލާފު ކަމެއްކަމަށް ބުނެއެވެ.

- ކޮމެންޓް