ވެރިކަމުގެ ނިޒާމުގައި މައްސަލައެއް ނެތް ކަމަށާއި، އަދިވެސް ތާއިދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ މައްސަލައެއް އުޅޭކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވެރިކަމަށް އަންނަ ބޭފުޅެއްގެ ވިސްނުމައި ފިކުރު އޭގެ މައްޗަށް ބިނާވާ ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ ރަނގަޅަށް ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅަކަށް ވެރިކަން ކުރެވޭނެ ފުރުސަތު ގާނޫނު އަސާސީގައި އެބައޮތް ކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ހުރިހާ ކަމެއް ކުރެއްވީ އެންމެ ފުރިހަމަކޮށް ކަމަށް ވިދާޅުވަނީ ނޫން ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި، އެއްކަމަކަށް ޝަރުއީދާއިރާއަށް ދޭންވާ މިނިވަންކަންދީ އެ ބާރުތައް ޝަރުއީ ދާއިރާއަށް ދިންކަން ވަރަށް ގިނަ ރައްޔިތުން ގަބޫލުުރައްވާނެ ކަމަށެވެ. ނަމަވެސް މިއަދު ވެސް ފެހި ގާނޫނު އަސާސީގެ ދަށުން ވެރިއަކަށް ހުންނެވި ބޭފުޅަކު އެ ބަދަލުކޮށްގެން ކުރިއަށްދާ ކަމަށެވެ.
އެހެންވީމަ ރަނގަޅަށް ވެރިކަން ކުރައްވަން ބޭނުންފުޅުވާ މީހަކަށް މި ގާނޫނު އަސާސީ ޖާގައެބަދޭ. ކޮންމެހެން ނިޒާމުގެ މައްސަލައެއް ނޫން މިއުޅެނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ވެރިއަކަށް ހުންނަންވާނީ ސީދާ ރައްޔިތުން އިންތިހާބުކުރާ މީހެއް. އަޅުގަނޑުމެންގެ ތެރޭގައި ކުރިން ދެކެވުނު ބަރުލަމާނީ ނިޒާމެއްގައި ބޮޑު ވަޒީރަކު ހުންނަވާނެ ވާހަކަ. ބޮޑު ވަޒީރެއް ހޮވާލުން އެއީ މަޖިލީހުގައި މެޖޯރިޓީ އޮންނަ ބަޔަކު ހޮވާ މީހަކު ލައިގެން ސަރުކާރެއް ހިންގާ ވާހަކަ އެދައްކަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރާއްޖެއަށް އެންމެ ރަނގަޅުވާނީ މިހާރު މިއޮތް ނިޒާމާއިގެން ކުރިއަށް ދިއުން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު![]()
ރައީސް ޞާލިހު ވިދާޅުވީ އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. ގާނޫނު އަސާސީގައިވެސް އެކަންކަން އެބަހުރި ކަމަށާއި، އެކަންކަން އިސްލާހުކޮށްގެން ކުރިއަށްދެވޭނެ ކަމަށެވެ.
މީގެ ކުރިންވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގަ އޮންނަ އެންމެ ރަނަގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އެގޮތުން ދެ ނިޒާމުގަ ރަނގަޅުކަންތަކާ ގޯސް ކަންތައްތަކެއް ހުރި ނަމަވެސް، މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭ ކަމަށާއި، ތާއީދު ވެސް އޮތީ ރިޔާސީ ނިޒާމާއެކީގައި ކަމަށެވެ.