ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 21:49
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ - 26.05.2025
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ - 26.05.2025
ރާއްޖެއެމްވީ
އިބްރާހިމް މުހައްމަދު ސޯލިހު
ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު
މިދިޔަ ހޯމަ ދުވަހު ކުރީގެ ރައީސް ނަޝީދު އާއި އެމްޑީޕީ އާއި ގުޅިވަޑައިގަތް ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުޚަބާ ކިޔުމަށް ޖަލްސާ އެއް ވެސް ބާއްވާފައިވޭ
ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އެމްޑީޕީ އާއި ގުޅުމަށް ގަރާރެއް ފާސްކޮށްފަ
ރައީސް ޞާލިހު ވިދާޅުވީ ބަދަލު ހިފަނީ ބަލިކަށި މީހުން ކަމަށް

ދަ ޑިމޮކްރެޓްސްގެ މެމްބަރުން, މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އެނބުރި އައުމުން އެމްޑީޕީ ވާނީ ވަރުގަދަ ކަމަށާއި، މާޒީ އަށް ނުބަލާ ދެން ދާންވީ އެކުގައި ކުރިއަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނޭހެން ދަ ޑިމޮކްރެޓްސްގެ މެމްބަލުން އަނބުރާ އެމްޑީޕީ އަށް އައުމާއި މެދު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޑިމޮކްރެޓްސް އަށް ދިޔަ މެމްބަރުން އޭރު އެ ޕާޓީ އުފައްދާފައި ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހުގަ އެ ޕާޓީން ވަކިވެގެންނެވެ. އަދި ރައީސް ޞާލިހު އާއި ދެކޮޅަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ މަސައްކަތް ކުރައްވާފައެވެ.

ރައީސް ޞާލިހު ވިދާޅުވީ މި ވަގުތަކީ މިއީ މާޒީ އާއި މެދު ވިސްނަންވީ ވަގުތެއް ނޫން ކަމަށެވެ. މަޝްހޫރު ސައިންޓިސްޓް، އަލްބަރޓް އެއިންސްޓައިންގެ ވާހަކަކޮޅަކުން މިސާލު ނަންގަވަމުން ރައީސް ޞާލިހު ވިދާޅުވީ ބަދަލު ހިފަނީ ބަލިކަށި މީހުން ކަމަށެވެ. ބާރު ގަދަ މީހާ އަކީ މާފު ކުރާ މީހާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭނަ (އައިންސްޓައިން) ބުނަނީ ވީކް މީހުންނޭ ރިވެންޖް ހިފަނީ. ބަދަލު ހިފާނީ. ސްޓްރޯންގް މީހުން މާފް ކުރާނީ އޭ. އިންޓެލިޖެންޓް މީހުން އިގްނޯ އޭ ކުރާނީ. ހަމަގައިމުވެސް އަޅުގަނޑެއް ނުދާނެ އޭގެ ފުރަތަމަ ބަޔަކަށް. ބަދަލު ހިފުމެއް އަޅުގަނޑުގެ ނޯންނާނެ. ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެކަން.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ޑިމޮކްރެޓްސް އަށް ދިޔަ އެމްޑީޕީގެ މެމްބަރުން އަލުން އައިސް އެމްޑީޕީ އާއި ގުޅުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުން ޕާޓީ ވަނީ ވަރުގަދަ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ޑިމޮކްރެޓްސްގައި ތިއްބެވި ފަރާތްތަކާއި އެމްޑީޕީ އާއި ހުރީ ދާދި އެއް ވިސްނުމެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ވެސް ޑިމޮކްރެޓްސް އާއި އެކު ކޯލިޝަން ހަދައިގެން ކުރިއަށް އެއްކޮށް ދިއުމުގެ ވިސްނުން އެ މަނިކުފާނަށް ބައެއް ބޭފުޅުން ހުށަހެޅުއްވި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެއީ ބަލައިގަނެވޭ ގޮތް ނޫން ކަމަށް އޭރުވެސް އެމަނިކުފާނަށް ޤަބޫލުކުރެއްވުނު ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭރު ވެސް އެއަށް ވުރެ ޕާޓީ އަށް ވެސް ޤައުމަށް ވެސް ރަނގަޅުވާނީ ޑިމޮކްރެޓްސްގެ ބޭފުޅުން އެނބުރި ޕާޓީ އަށް ވަޑައިގަތުން ކަމަށް ފާހަގަކުރައްވާފައި ވާނެ ކަމަށްް ރައީސް ޞާލިހު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި އެމްޑީޕީ ވަރުގަދަކޮށް ކުރިއަށް ދިއުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ މަނިކުފާނުގެ އިތުރުން ޑިމޮކްރެޓްސް ޕާޓީގެ އިތުރު ބައެއް މެމްބަރުން އަލުން އެމްޑީޕީ އާއި ގުޅުމުން އެކަމަށް އެ ޕާޓީން ވަނީ މަރުޚަބާ ކިޔާފައެވެ. މިދިޔަ ހޯމަ ދުވަހު ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީ އާއި ގުޅިވަޑައިގަތް ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުޚަބާ ކިޔުމަށް ޖަލްސާ އެއް ވެސް ބާއްވާފައިވެއެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އެމްޑީޕީ އާއި ގުޅުމަށް ގަރާރެއް ފާސްކޮށްފައެވެ.

- ކޮމެންޓް