އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅެގެން ކުރިއަށް ގެންދިޔަ، އެމްޑީޕީގެ "އެކުގައި ގަދަކޮށް ފުޓްސަލް މުބާރާތުގެ" ޗެމްޕިއަންކަން ޓީމް ސަމުގާ އިން ހޯދައިފިއެވެ.
މި މުބާރާތް ބާާއްވާފައި ވަނީ އެމްޑީޕީގެ މެމްބަރުންނަށް ބައިވެރިވެވޭ ގޮތަށެވެ.
އަމީނީ މަގުގައި ހުންނަ ލެގޫންސް ދަނޑުގައި ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 9 ޓީމް ވަނީ ބައިވެރިވެފައެވެ. ބުރާސްފަތި ދުވަހުގެ 14:00 އިން ފެށިގެން ކުރިއަށް ދިޔަ މި މުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް ގާތްގަނޑަކަށް 26 ވަރަކަށް މީހުން ތިއްބެވެ. މުބާރާތް ކުރިއަށް ދިޔައީ ހުރިހާ ބައިވެރިންނަށް ފުރުސަތު ލިބޭ ގޮތަށެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޓީމް ސަމުގާ އިން ހޯދާފައި ވަނީ ޓީމް އުޖާލާ އާއި ވާދަކޮށް 2، 1 އިން މޮޅުވެގެންނެވެ. މި މުބާރާތް ކުރިއަށް ދިޔައީ ވަރަށް ފޯރިއާއި އެކު ކަމަށް މުބާރާތުގެ ހުރިހާ ބައިވެރިން ވެސް ވަނީ ފާހަގަކޮށްފައެވެ.
ސަމުގާ ޓީމްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާޢި ވިދާޅުވީ، މި މުބާރާތުގައި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެހެން މެމްބަރުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި މުބާރާތް ކުރިއަށް ދިޔައީ ވަރަށް ފޯރި އާއި އެކުގައި ކަމަށް ވިދާޅުވިއެވެ.
އެ ޓީމްގައި ހިމެނިވަޑައިގަންވާ ކުރީގެ އެންވައިރޮމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވީ މުބާރާތުގެ ތަށި ލިބިވަޑައިގަންނަވާފައި ވަނީ ޓީމުގެ ހުނަރުވެރިކަމުގެ ސަބަބުން ކަމަށެވެ. އަދި މުބާރާތް ކާމިޔާބު ކުރެވުނީ ވަރަށް ހިތްވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މުބާރާތުގެ ފެއާޕްލޭޓީމަކީ ކައްޓި ހިއްވަރެވެ. މިއީ ހުސް ކަނބަލުން ހިމެނޭ ޓީމެކެވެ. އެ ޓީމްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ އެ ޓީމްގައި ތިއްބެވި ކަނބަލުންނަކީ ހިތްވަރު ހުރި ނަމޫނާ ބައެއް ކަމަށް ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތް ހަފްތާގައި ވެސް އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުން ހުރި މުހިންމު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި އަހަރުގެ އެކި ހިސާބުތަކުގައި އިތުރު ހަރަކާތްތަކެއް އިންތިޒާމް ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.