ނިމިިދިއަ ރައީސް އިބުރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އައްޑޫ ސިޓީ ހިތަދޫގައި ކުނި މެނޭޖްކުރުމަށް ގާއިމް ކޮށްފައި ހުރި އިންސިނިރޭޓަރގެ މަސައްކަތް އަދިވެސް މި ސަރުކާރަށް ނުފެށޭކަން ހާމަވެއްޖެ އެވެ.
ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ނިމިދިއަ ސަރުކާރުން ގާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނިން ކަރަންޓް އުފައްދާ ނިޒާމް އިންސްޓޯލްކޮށް ނިންމާފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ 6 ވަނަ ދުވަހުގައެވެ.
މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދާ އެއިން 1.5 މެގަވަޓްގެ ކަރަންޓް އުފެއްދޭ ގޮތަށް ޑިޒައިންކޮށް އިންސްޓޯލްކޮށްފައިވާ ޕްލާންޓެކެވެ.
ޖުމްލަ 20.5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޑިޒައިންކޮށް އިންސްޓޯލްކުރި މި ޕްލާންޓްގައި އިންސިނެރޭޓަރަކާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާރބައިންއެއްގެ އިތުރުން ކުނި އަންދައިގެން އަރާ ދުން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީވަނީ ބޭނުންކޮށްފައެވެ.
މިދިޔަ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓްރީން އޭރު ބުނެފައި ވަނީ ޕްލާންޓްގެ މަސައްކަތްތައް ފެށުމުގެ ކުރިން ޓެސްޓުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކުރި ކަމަށެވެ. އަދި އެގޮތުން ޕްރީކަމިޝަންކުރުމާއި ކަމިޝަންކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން ހަރަކާތްތެރިވެފައިވާ ކަމަށް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.
އަދި މި ޕްލާންޓް އެއްކޮށް ކަމިޝަންކޮށް ނިމެންވާއިރަށް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން ވަރަށް ރަނގަޅަށް އެކަމާއި ގުޅޭތައްޔާރީތައް ވެސް އޭރު ވެފައިވެއެވެ. އެގޮތުން މި ޕްލާންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ހަމަޖެއްސުމާއި އެތަނަށް ބޭނުންވާ ކުނި ގެނައުމަށް ބޭނުންކުރާނެ ވަސީލަތްތައް ހޯދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އައްޑޫ ހިތަދޫގައި ހުންނަ ވެމްކޯ ބްރާންޗުގެ ކުރީގެ މެނޭޖަރު މޫސާ މުހަންމަދު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެ ކުނި މެނޭޖު ކުރާ ފެސިލިޓީ، އިންސިނިރޭޓަރގެ މަސައްކަތް ނިންމާ، އެކަން ކުރުމަށް ހުއްދަވެސް ނަގައި، ހަވާލުކޮށްފައި ހުރި ނަމަވެސް އެތަނުގެ މަސައްކަތް ފެށުމަށް ހަވާލުވާނެ ފަރާތެއް އަދި އެންވަޔަރމަންޓް މިނިސޓްރީން ކަނޑަނާޅާ ކަމަށެވެ. އެގޮތުން އެ ތަން ހިންގުމަށް ހަވާލުކުރާނީ ވެމްކޯއާތޯ، ނުވަތަ ފެނަކައާތޯ ވެސް މި ސަރުކާރަށް އަދިވެސް ނުނިންމޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ މުހައްމަދު ވިދާޅުވީ މިނިސްޓްރީން ދީފަ އޮތް ސިޓީއެއްގެ ދަށުން އެތަނުގައި މިވަގުތު ވެމްކޯގެ 30 އަކަށް މުވައްޒަފުން އެބަތިބި ކަމަށެވެ. އަދި މީގެ އިތުރުން ހަމަ އެކަނި އެ ފެސިލިޓީއަށް 17 ވަރަކަށް މެނޭޖަރުން ވެސް މި ސަރުކާރު އައިފަހުން ހަމަޖައްސާފައި އެބަ ތިބިކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑަށް ހަނދާންވާ ގޮތުން 30 އަކަށް މުވައްޒަފުން އެބަ އުޅޭ ހަމައެކަނި އިންސިނިއޭޓަރުގައި. ސިޔާސީ މުވައްޒަފުންނަށް ބަލާއިރު، މިދިއަ ސަރުކާރުގައި އެތަނުގައި ތިބީ 2 މެނޭޖަރުން. އެކަމ މި ސަރުކާރު އައިފަހުން މިހާރު އެބަތިބި 17 މެނޭޖަރުން އެތަނަސް ހަމަޖައްސާފަ. ހަމަ އެކަނި ހިތަދޫ. އަހަރެމެންނަށް ނޭންގެ މިތަނުގައި އުސޫލުގައި އޮން ގޮތުން ރީޖަންވައިސްކޮށް ވެސް ނޫން މި ހިނގަނީ މިކަން. އެތަނެއްގެ ވަރަށް ބޮޑު މެނޭޖަރަކު، ހުޅުމީދޫގައި ވެސް ވަރަށް ބޮޑު މެނޭޖަރަކު، ފުވައްމުލަކު ވެސް ވަރަށް ބޮޑު މެނޭޖަރަކު، ކޮންމެތަނަކަސް ވެސް ވަރަށް ބޮޑު މެނޭޖަރެއް ލާފަ 35 ހާހެއްހައި ރުފިޔާ މުސާރައަށް ދީފަ ތިބެނީ
އައްޑޫ ހިތަދޫގައި ހުންނަ ވެމްކޯ ބްރާންޗުގެ ކުރީގެ މެނޭޖަރު މޫސާ މުހަންމަދު![]()
މީގެ އިތުރުން މޫސާ ވިދާޅުވީ ބޮޑު މުސާރަ ދީފައި މެނޭޖަރުންގެ ލާފައި ތިބިިއިރު، އެ މެނޭޖަރުންގެ މަތިން މިނިސްޓަރުން ފެނަރުގެ މެނޭޖަރުންވެސް ހަމަޖައްސާފައި ތިބޭކަމަށެވެ. މޫސަ ވިދާޅުވީ ތަނުގައި އެއްވެސް ކަމެއް ނުކޮށް ވަރުވަރުން މެނޭޖަރުން ލާފައި ތިބިއިރު، ތަނުގައި ކުނި ނަގަން ލާފައި ތިބީ އެންމެ 20 އަކަށް މީހުން ކަމަށެވެ.
މިފެސިލިޓީ އޮޕަރޭޝަނަށް އަންނައިރު އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅުގެ ރަށްތަކުންނާއި ރިސޯޓްތަކުގެ ކުނި އެތަނަށް ގެންގޮސް ޕްރޮސެސް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.
އަދި އެތަނަށް ގެންނަ ކުނި ޕްރޮސެސްކުރުމަށްޓަކައި ބަންދުކުރެވިފައި ހުރި ބަންކަރެއްވަނީ ގާއިމުކޮށްފައި ކަމަށާއި އެހެންކަމުން އެތަނުގައި ހިނގާ އެއްވެސް ކަމެއް ބޭރަށްނުފެންނާނެހެން ތަންހުންނާނީ ބަންދުކުރެވިފައި ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
މިޕްލާންޓްގެ ޕްރީކަމިޝަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިފެސިލިޓީ ވެމްކޯ އާއި ވަނީ ހަވާލުކޮށްފައެވެ. މި ފެސިލިޓީ ވެމްކޯއާއި ހަވާލުކޮށްދެއްވީ އޭރުގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.