މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމާއި އެ މީހުން އަނބުރާ މުޖްތަމައުއަށް ގެނައުމަށް ސަރުކާރުގެ ސިޔާސަތެއް ނެތުމަކީ އެމްޑީޕީގެ ކަންބޮޑުވުމެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާއި ގުޅިގެން އެމްޑީޕީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ މުއާހަދަތާ ހިލާފަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުައި މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި މިއީ ނުރައްކާތެރި ވަބާއިން ދިވެހިން ސަލާމަތް ކުރުމުގެ ބަދަލުގައި އެ ފަރާތްތައް ބާކީކޮށް މުޖްތަމައުއިން އެކަހެރިކޮށް، ފަރުވާގެ ބަދަލުގައި ޖަލަށްލައި އަދަބު ދީގެން މިކަން ހައްލު ކުރުމަށް ސަރުކާރުން ގެނައި ބަދަލެއް ކަމަށް ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮލަށް މަސައްކަތް ކުރުުގެ ގައުމީ ސިޔާސަތު އެކަށައެޅުމާއި، ހުރި ސިޔާސަތު ތަކަށް ގެންނަން ބަދަލު ގެނައުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) ގެ ބައްދަލުވުންތައް ބޭއްވިފައިވަނީ އިންތިހާއަށް މަދުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި ގާނޫނުގައި ބަޔާންކުރާ މަގާމުގެ ޝަތުރު ހަމަނުވާ "އެކްޓިންގ ސީއީއޯ" އަކު އެންޑީއޭ ހިންގަވާތާ ދެ އަަހަރު ވަމުން އަންނަ އިރު އެންޑީއޭ ހިންގުމުގެ ތެރެއަށް ފަންނީ ނޫން ބޭފުޅުން ވަދެ އެ އެޖެންސީގެ ކަންކަން މިއަދު ވަނީ ބޮއްސުންލައިފައި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ފަންނީ ބޭފުޅުން އެކަހެރި ކުރުމަށްފަހު، އެންޑީއޭގެ ބޯޑުން، ހާއްސަކޮށް ޗެއާރމަންއާ ގާތް އެއްވެސް ތަމްރީނެއް ނެތް މީހުންނަށް ކަންކަން ނިންމުމުގެ ބާރު ދީފައިވާތީ، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ އެތައް ފަރާތެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެންޑީއޭގެ ބޯޑުގެ ކަންކަން ޗެއާރމަން ގިނަކަންޏާ ނިންމަވައި. ސީއީއޯގެ މަސްއޫލިއްޔާތު އަދާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ޕާޓީ ޑްރަގްސް (ސްޓްމިއުލަންޓްސް) އާދަޔާ ހިލާފަށް އަވަހަށް އާންމުވަމުން އަންނަ އިރު، މި ވަބާއިން މީހުން ސަލާމަތްކުރުމަށް ފަރުވާގެ ނިޒާމު ގާއިމްކޮށް، އަދި ދުރާލާ ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ޕްލޭނެއް ނުވަތަ އިސްތިރާޖެއް ސަރުކާރުން އެކުލަވާލާފައި ނެތުމަކީ އެމްޑީޕީގެ ކަންބޮޑުވުމެއް ކަމަށް ބުނެފައިވެއެވެ.
އަދި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް އެމްޑީޕީގެ ސަރުކާރުން ޑިޒައިންކޮށް، ގާއިމްކޮށްފައިވާ މަރުކަޒުތަކަކީ ރިމާންޑް ޖަލުތަކެއް ކަމަށް މި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އޭގެ ސަބަބުން އެ ތަންތަނުގައި ތިބި މުވައްޒަފުންނަށް މަރުކަޒުތައް ބަލަހައްޓަން ދަތިތަކާ ދިމާވެ، އެ މަރުކަޒުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ވަނީ އާންމުވެފައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ފަރުވާގެ ކިއު ދިގުވެ ފަރުވާ ނަގަން ޖެހޭ މީހުން މުޖްތަމައުގެ ތެރޭގައި ގިނަވެފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަސްތުވާތަކެތި ބޭނުންކުރުމަކީ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާފައިވާއިރު، އެކަމަށް ފަރުވާ ދިނުމުގައި ސައިންސުގެ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާ ނުދެވުމާއި، ކައުންސިލިންގ އަދި ތެރަޕީ ނުދެވުމަކީ ފަރުވާ ހޯދާ މީހުން އަލުން އަނބުރާ އެ ވަބާގެ ތެރެއަށް ގޮސް، ދައުލަތުގެ ފައިސާ އިސްރާފުވެ، ބަލި މީހާއަށް އިތުރަށް އަނިޔާދެވޭ ކަމެއް ކަމަށް ބުނެފައިވެއެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރުމާއި، މި ބައްޔަށް ޒުވާނުން ހުށަހެޅުން މަދުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ސިސާޔަތުތައް އެންޑީސީސީއިން ކަނޑައަޅައި، އެންޑީއޭގެ ބޯޑާއި އެންޑީއޭގެ ހިންގުން ހަރުދަނާކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ސީއީއޯއެއް އައްޔަނު ކުރުމަށް ވަނީ ގޮވާލާފައެވެ. ހަމައެހެންމެ، މަސްތުވާތަކެއްޗަށް ދޭ ފަރުވާއަކީ ސައިންސްގެ ހެކީގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކެއްކަން ޔަގީންކޮށް، ފަރުވާ ހޯދާ މީހުން މުޖްތަމައުއަށް ބިނާކުރަނިވި ބައެއްގެ ގޮތުގައި ގެނައުމަށް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.