އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތައް ބާތިލު ކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަތަންޔާހޫ އަކީ އިސްރާއީލަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އެ ޤައުމުގެ ބަޠަލެއް ކަމަށެވެެ. އެހެންކަމުން އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތައް ވަގުތުން ބާތިލް ކުރަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަނީ ރިޝްވަތާއި، މަކަރާއި ހީލަތް އަދި އޮޅުވާލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އެ މައްސަލަ ތަަކުގެ ޝަރީއަތް 2020 ވަނަ އަހަރުގެ ތެރޭގައި ފެށުނު ނަމަވެސް، ނަތަންޔާހޫ ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ.
މި ހިނގާ ޖޫން މަހުގެ ތިން ވަނަ ދުވަހު، ނަތަންޔާހޫގެ ކްރޮސް އެގްޒެމިނޭޝަން ތެލް އަވީވްގެ ކޯޓުގައި ފަށާފައިވާއިރު، މީޑިއާ ތަކުން ބުނެފައި ވަނީ އެކަމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.
އެކަމާ ގުޅިގެން އިސްރާއީލްގެ ރައީސް އައިސާކް ހާޒޮގް ވިދާޅުވެފައި ވަނީ، މިވަގުތު ނަތަންޔާހޫ އަށް މައާފް ދިނުމުގެ މައްސަލައެއް ނެތް ކަމަށާއި، އެފަދަ އެދުމެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. ނަތަންޔާހޫ އަސް މައާފު ދިނުމުގެ ފުރިހަމަ އިޚްތިޔާރު އިސްރާއީލްގެ ރައީސް އަށް އޮންނާނެ އެވެ.