ރައީސް މުއިއްޒުގެ މިފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނެގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ބިގޭ ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކު ފެނިގެންދިޔައީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރި މަންޒަރު ކަމަށެވެ.
ރައްޔިތު މީހާއަށް ފައިދާވާ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ އަތޮޅުތެރޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވާލައި، ހިލޭ ބޭސްފަރުވާ ހޯދައިދިނުމަށް އާސަންދަ ނިޒާމު ގާއިމްކޮށް، މަތީ ތައުލީމަށް ކިޔެވޭނެ ގޮތް ފަހިކޮށްދިނުމަށް ހިލޭ ޑިގްރީ ޕްރޮގްރާމް އިފްތިތާހް ކުރި ކަމަށެވެ. ނަމަވެސް އެމްޑީޕީ އަތުން ވެރިކަން ގެއްލުނު ދެ ފަހަރު ވެސް ރާއްޖެއިން ފެނިގެންދިޔައީ ރައްޔިތުންނަށް ދަތި ކުރި މަންޒަރު ކަމަށް ބިގޭ ވިދާޅުވިއެވެ.
މީގެ އިތުރުން ބިގޭ ވިދާޅުވީ ރައީސް މުއިއްޒުގެ މިފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ޒަމާނުއްސުރެ މި ރާއްޖެއަށް ހޯދައިދިން މިނިވަންކަމާ ބާރުތައް ވަކިވެފައި އޮތް ނިޒާމު އެއްކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދާނެ ކަަމަށާއި، ރައްޔިތުންނަށް ހެޔޮ ގޮތް ރަނގަޅު ގޮތް ހޯދައިދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ޒުވާނުން ބައިވެރިވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒުވާނުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
އަޅުގަނޑުމެންނަށް ނިސްބަތްނުވާ ވެރިކަން ކުރި ދެ ފަހަރު ވެސް މިފެނުނީ ބާރުތައް އެއްކުރާތަނާއި، ރައްޔިތުންނަށް އަނިޔާވެރިވި ތަނާއި، ރައްޔިތުންގެ ހައްގުތައް ބަލިކަށިވެ ނިކަމެތިވެގެންދިޔަތަން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޚާއްސަކޮށް މިކަންކަން މިހިސާބަށް އައިރުގައި ހިނގާ ގޮސްފައިނެތް އެނގިފައި ނެތް ވަރަށް ބޮޑު ޒުވާން އާބާދީއެއް އެބައޮތް މިހާރު. އޮތްއިރުގައި އެ އާބާދީއަށް އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް ބުނެދީފައި ނެތް އެތައް ބަޔަކު ގުރުބާނީ ރާއްޖެ މިހިސާބަށް ގެނެވުނުއިރު ޚާއްސަކޮށް މިވެރިކަމުގައި މިދަނީ އޭރު ހޯދި މިނިވަންކަން އެތައް އަހަރަކަށް ފަހަތަށް ޖެހިގެން. އެ ޒިންމާ މިވަގުތު އެންމެ ބޮޑަށް އޮތީ ޒުވާނުންގެ އަތް މަތީގައި. ޒުވާނުން އިސްނަގައި ނުކުމެ މިގައުމު އެކުދިންގެ މުސްތަގުބަލަށްޓަކައި އެމީހުންގެ ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަކައި އަންނަން އޮތް ޖީލަށްޓަކައި މިރާއްޖެ ސަލާމަތް ކުރަން މިވަގުތު ނުކުންނަންވީ ޒުވާނުން
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)![]()
ބިގޭ ވިދާޅުވީ ރާއްޖެއަށް އުފާވެރި ޖީލަކަށް މުސްތަގުބަލު ކޮށައިދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ފިކުރާ ދޭތެރޭ ނުވިސްނި ނަމަވެސް ރަނގަޅު ގޮތާއި ނުބަައި ގޮތަކީ ކޮބައިކަން އަމިއްލައަށް ވިސްނައި، ގައުމު ރަނގަޅު މިސްރާބަށް ގެންދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.