އިސްރާއީލް އިން މިހާރު ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، 13 އަހަރުގެ ކުޑަ ކުއްޖަކު ޝަހީދު ކޮށްލައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ފަލަސްޠީނުގެ ކުޑަ ކުދިންގެ ހައްގުތައް ދިފާއު ކުރާ ޖަމިއްޔާ، ޑިފެންސް ފޯ ޗިލްޑްރަން އިންޓަރނޭޝަނަލް-ފަލަސްޠީން (ޑީސީއައިޕީ) އިންނެވެ.
އެ ޖަމިއްޔާ އިން ހާމަ ކޮށްފައިވާ ގޮތުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ބަޑި ޖަހައި ޝަހީދު ކޮށްލާފައި ވަނީ އުމުރުން 13 އަހަރުގެ އަންމާރު މުޢުތަޒު މުސްޠަފާ އެވެ. އެ ކުއްޖާ ޝަހީދު ކޮށްލާފައި ވަނީ ރަޙުމަތްތެރިޔަކާ އެކު ކަފްރް މާލިކް ސަރަހައްދުގައި އޭނާގެ ރަޙުމަތްތެރިޔަކާ އެކު މަގު މަތީގައި ހިނގާފައި ދަނިކޮށެވެ.
އެގޮތުން ފޮރުވިގެން ތިބެ، އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ އަންމާރުގެ ބުރަ ކައްޓަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފަ އެވެ. ޑީސީއައިޕީ އިން ބުނެފައިވާ ގޮތުގައި ގަސްތަކުގެ ނިވަލުގައި ފޮރުވިގެން ތިބެ، 500 މީޓަރާއި 1000 މީޓަރު ދުރުން އިސްރާއީލްގެ ސިފައިން ވަނީ އަންމާރު ގަޔަށް ބަޑި ޖަހައިފަ އެވެ. އެ ޖަމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި އަންމާރުގެ ބުރަ ކައްޓަށް އެރި ވަޒަން ނިކުމެފައި ވަނީ ކަރުންނެވެ.
އަންމާރު ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލި ތަނުގަައި ގިނަ އިރު ތަކެއް ވަންދެން އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އޭގެ ފަހުން ކުއްލި ނުރައްކަލުގެ އަވަސް ޚިދުމަތް ދެމުން އަންނަ ފަރާތްތަކުގެ އެހީގައި އެމްބިއުލާންސްގައި އަންމާރު ގެންދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް، އަންމާރު ޝަހީދުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
އަންމާރު ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލި ފަހުން، އަންމާރު އަށް އެހީވުމަށް މަސައްކަތް ކުރި އަންމާރުގެ އާއިލާ މެމްބަރުން އަދި ބައެއް އަވަށްޓެރިންނަށް ވެސް އިސްރާއީލްގެ ސިފައިން ވަނީ ޖިސްމާނީ ގޮތުން އަނިޔާ ކޮށްފައި ކަަަމަށް ޑީސީއައިޕީ އިން ވަނީ ބުނެފަ އެވެ.
ޑީސީއައިޕީ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ މިއަހަރު އިސްރާއީލްގެ އަސްކަރިއްޔާ އިން ޝަހީދު ކޮށްލި ފަލަސްޠީނުގެ 29 ވަނަ ކުޑަ ކުއްޖާ އެވެ.