ކ. މާލެ
|
25 ޖޫން 2025 | ބުދަ 19:56
ތިނަދޫ ސިޓީގެ މޭޔަރު އަދި މެންބަރުން
ތިނަދޫ ސިޓީގެ މޭޔަރު އަދި މެންބަރުން
ތިނަދޫ ކައުންސިލް
ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން ޕީއެންސީން ކުރިކަމެއް - އެމްޑީޕީ
ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން
އެލްޖީއޭއިން މި ފިޔަވަޅު އަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލު ކުރަމުން ނުދާތި
އޮފީސް ބަންދުކުރު އިރުވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފައި ނުވޭ

ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން ޕީއެންސީން ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެލްޖީއޭއިން ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއްވެސް އަސާސެއް ނެތި ސަސްޕެންޑް ކުރުން އެމްޑީޕީ އިން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލައި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލުމަށް ވެރިކަން ކުރާ ޕީއެންސީއިން ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި އެލްޖީއޭއިން މި ފިޔަވަޅު އަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލު ކުރަމުން ނުދާތި އެ އޮތޯރިޓީއަށް ހުށަހެޅި އެއްވެސް ހަގީގތަެއް ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލަތައް ނުބަލައިގެން ތަކުރާރުކޮށް އެލްޖީއޭއަށް ނުފޫޒު ފޯރުވާފައިވާ އިރު ކައުންސިލަރުންނަށް އެކި ޕްލެޓްފޯމުގައި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އަދި މި މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭއަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން އެމްޑީޕީއަށް މައުލޫމާތު ދިފައިވާ ކަމަށް ވެސް އެމްޑީޕީއިން ބުނެއެވެ.

އަދި އެއްވެސް އިންޒާރެއް ދިނުމެއް ނެތި އަވަސް އަރުވާލައިގެން ކައުންސިލަރުން ސަސްޕެންޑްކޮށްފައި ކޮށްފައިވާއިރު މިހާތަނަށް އައިއިރު ތިނަދޫ ސިޓި ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭއިން އަންގާފައި ނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އޮފީސް ބަންދުކުރު އިރުވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފައި ނުވެއެވެ. އަދި އެލްޖީއޭއިން މަސައްކަތް ކުރަމުންދަނީ މި ޣައިރު ގާނޫނީ ފޔަވަޅު އުވައިލުމަށް ކޯޓަށް ދިއުމަށް ތިނަދޫ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކަމަށް އެމްޑީޕީ އިން ދެކޭކަމަށް ބުނެފައިވެއެވެ.

އަދި ޕީޕީއެމް/ޕީއެންސީ ގެ ފުރަތަމަ ވެރިކަމުގައި ވެސް އެއްވެސް އިޖުރާއަތެއް ހިނގުމެއްނެތި ކައުންސިލަރުން ސަސްޕެންޑް ކުރިއިރު އަނެއްކާ ވެސް އެ ދުވަސް އިއާދަކޮށް ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވާލުމަށް މި ސަރުކާރުން ވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ ބާރުތައް މަރުކަޒު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށް އެމްޑީޕީއިން ބުނެއެވެ.

އަދި ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް އެމްޑީީޕީއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކައުންސިލްތަކަށް އަރުވާފައިވެއެވެ. އަދި އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން އަޅަމުންދާ ޣައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލްތަކަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

- ކޮމެންޓް