ކ. މާލެ
|
25 ޖޫން 2025 | ބުދަ 11:58
ރައްޔިތުންގެ މަޖިލީހުގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ
މަޖުލިސް
ސަރުކާރު ކުރިއަށް ނުދިއުން
މި ސަރުކާރު ކުރިއަށް ނުދަނީ ގަރަނބު ގިނަވުމުން: މެންބަރު ޒިޔާދު
ތަރައްގީއާ ގުޅޭގޮތުން މެންބަރުންނާ ރައްޔިތުން ސުވާލުކުރި ނަމަވެސް ޖަވާބުދޭނެ އެއްވެސް ގޮތެއް ނެތް
މާގުޅުންހުރި ވަޒީރުންނަށް މެންބަރުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާ
މި ގައުމުގެ ރައްޔިތުންނަށް ގައުމު ހިނގާ މަންޒަރު ދައްކަންޖެހޭ، ނަތީޖާ ނެރެން ޖެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ކުރިއަށް ނުދަނީ ގަރަނބު ގިނަވުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި މެންބަރު ޒިޔާދު ވިދާޅުވީ މިސަރުކާރާއެކު މުޅި ދައުލަތް ހުއްޓިފައިވާ ކަމަށާއި، މިސަރުކާރު ކުރިއަށް ނުދާ ކަމަށެވެ. އެއީ މިސަރުކާރުގައި ގަރަނބު ގިނަވުމުން ދިމާވާ މައްސަލައެއް ކަމަށާއި، ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން މެންބަރުންނާ ރައްޔިތުން ސުވާލުކުރި ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދޭނެ އެއްވެސް ގޮތެއް ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަމާގުޅުންހުރި ވަޒީރުންނަށް މެންބަރުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ.

ބަންޑާރަ ނައިބަށް ދަންނަވައިގެން އަޅުގަނޑުމެން އެބަޖެހޭ މިއަށްވުރެ ސްޕީޑް އަވަސްކުރަން. މުޅި ދައުލަތް ހުއްޓެނީ އިއްޒަތްތެރި ރައީސް މިކަހަލަ މީހުން ގިނަވީމަ. އަޅުގަނޑު ކުރިން ވެސް ދެންނެވީ ސްޓެލްކޯގެ އިންޖީނުގެތައް ހުއްޓުނީ ކީއްވެގެންކަން. އެއީ ގަރަނބު ގިނަ ވެގެން. މިސަރުކާރު ކުރިއަށް ނުގޮސް މިއުޅެނީ ގަރަނބު ގިނަވަގެން އިއްޒަތްތެރި ރައީސް. ބޭނުންނުކުރެވޭ ވަޒީރުންނާ ސިޔާސީ މަގާމުތައް ގިނަވަގެން. މި އިއްޒަތްތެރި މެންބަރުން ހަގީގަތުގައި ވާހަކަ ދައްކަން ވަރަށް ބޭނުން. އެކަމަކު ކިހިނެތް ދައްކާނީ. ދާއިރާގައި ކަމެއް ހިނގަނީއެއްނޫން. ގުޅާލީމަ ވަޒީރަކު ފޯނު ނަގަނީއެއް ނޫން. މިހުރިހާ ކަމަކަށް ޖަވާބުދާރީވާން ތިބީ މެންބަރުން.

ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ މިރާއްޖޭގައި ތިބީ ހަމައެކަނި ޕީއެންސީ އަދި އެމްޑީޕީގެ މެންބަރުން ނޫން ކަމަށާއި، މި ގައުމުގެ ރައްޔިތުންނަށް ގައުމު ހިނގާ މަންޒަރު ދައްކަންޖެހޭ ކަމަށާއި، ނަތީޖާ ނެރެން ޖެހޭ ކަމަށެވެ. އަބަދު ކުރީ ސަރުކާރޭ ކިޔައިގެން ހަމަނުޖެއްސޭނެކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރަންޖެހޭ ކަމަށާއި، ތަރައްގީ ގެނެސްދޭން ޖެހޭ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިސް ވެސް އަވަހަށް ނިންމާލަނީ ގައުމުގައި ކަމެއް ނުހިނގާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތުގައި ބަންޑާރަނައިބެއް ހުރެގެން މަސައްކަތްތައް ކުރިއަށް ނުދާނަމަ، ސަރުކާރުގެ ބަންޑާރަ ނައިބެއް ލައިގެން ވެސް މި ނޫން ހާލަތަށް މި މަޖިލިސް ގެންނަންޖެހޭ ކަމަށެވެ.

- ކޮމެންޓް