ކ. މާލެ
|
23 ޖޫން 2025 | ހޯމަ 13:28
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ
މަޖިލިސް
އިތުރު ގަޑީގެ ފައިސާ ނުދޭ މައްސަލަ
ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުދޭ މައްސަލަ ބޮޑު، އަވަސް ހައްލެއް ހޯދަންޖެހޭ: މެންބަރު މައުރޫފް
ފައިސާ ނުލިބުނު ނަމަވެސް މި ދެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރު ވަގުތު މަސައްކަތް ކުރަން މަޖުބޫރުވޭ
ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުޖޫރަ ކުޑަ، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް
ސެޓްފިކެޓަށް އެލަވަންސް ދިނުމުގައި ވެސް އޮތީ ހަމަނުޖެހޭ ސިޔާސަތުތަކެއް

މި ސަރުކާރުގައި ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުދޭ މައްސަލަ ބޮޑު ކަމަށާއި، އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހަޅުއްވާފައިވާ، ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގައި މަސައްކަތް ކުރުމުން ފައިސާ ނުލިބޭ ކަމަށާއި، އެ ލިމިޓް ކޮށްފައިވާ ކަމަށެވެ. ފައިސާ ނުލިބުނު ނަމަވެސް ހާލަތުގެ ގޮތުން މި ދެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރު ވަގުތު މަސައްކަތް ކުރަން މަޖުބޫރުވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މެންބަރު މައުރޫފް ވިދާޅުވީ މި މައްސަލައަށް ހައްލު ހޯދަންޖެހޭ ކަމަށާއި، މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުޖޫރަ ވެސް ވަރަށް ކުޑަ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މިދެ ދާއިރާއަށް އަޅުގަނޑުމެން ބަލާއިރު، ތައުލީމީ ދާއިރާގެ ޓީޗަރުންނާ އަދި އެދާއިރާގެ މަތީ މަގާމުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ޕްރިންސިޕަލުންނަށް މިދިޔަ ސަރުކާރުގައި ވަނީ ވަރަށް ބޮޑު މުސާރައިގެ ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްފައި. އެހެންނަމަވެސް އަޅުގަނޑު ފާހަގަކުރަން ފޭސްބައި ފޭސްކޮށް ކުރަމުން ދިޔަ އެ މަސައްކަތުގެ ތެރެއިން ތައުލީމީ ދާއިރާގެ ސަޕޯޓު ކެޓަގަރީގައި އަދި އިދާރީ މުވައްޒަފުންގެ މުސާރަތައް އަދިވެސް ހުރީ ވަރަށް ކުޑަކޮށް. އެ ފަރާތްތަކުގެ މުސާރަ ބޮޑުވުމަކީ ކޮންމެހެން ބޭނުންތަކަމެއް ކަމުގައި މިފުރުސަތުގައި ފާހަގަކުރަން. އަދި ހަމައެހެންމެ ސިއްހީ ދާއިރާގެ ސަޕޯޓު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަތައް ބޮޑުނުވެ އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައި ވަނީ. އެފަރާތްތަކުގެ މުސާރަތައް ވެސް މިދެންނެވި ޕޭ ހާމަަނައިޒޭޝަންގެ އުސޫލުގެ ތެރެއިން ކުރީ ސަރުކާރުގައި ފެއްޓެވި ޕްރޮގްރާމްގެ ކުރިއަށް ގެންގޮސް އެފަރާތްތަކުގެ މުސާރައިގެ އޮނިގަނޑާ އިނާއަތްތަކާ އޯވަރޓައިމްގެ ލިމިޓް ނައްތާލައި އެފަރާތްތަކަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ މާސްޓަރސް އަދި ޑިގްރީ ސެޓްފިކެޓަށް އެލަވަންސް ދިނުމުގައި ވެސް އޮތީ ހަމަނުޖެހޭ ސިޔާސަތުތަކެއް ކަމަށެވެ. އަދި އެ ސިޔާސަތު ވެސް ހަރުދަނާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ސްކޫލުތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މަސައްކަތްތައް ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ކޮންމެ ޓީޗަރަކު މަސައްކަތް ކުރާނެ ސްޓޭޝަނެއް ނުހުންނަ ކަމަށާއި، ގޮނޑި މޭޒު ވެސް ނެތް ކަމަށެވެ. އެހެންކަމުން ބައެއް ޓީޗަރުން މަސައްކަތް ކުރަަން ދަނީ ގެއަށް ކަމަށާއި، މިއީ ވެސް ހައްލު ކުރަންޖެހޭ ބޮޑު މައްސަލައެއް ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މެންބަރު މައުރޫފް ވިދާޅުވީ ތައުލީމީ އަދި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކަމާގުޅުންހުރި މިނިސްޓްރީން ވަރަށް ގާތުން މިކަންކަން ބަލައި، އަވަސް ހައްލުތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ. މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަނގަޅު، ރައްކާތެރި މާހައުލެއް ގާއިމްކޮށް ނުދެވޭނަމަ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް