ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުމަށް މަސައްކަތް ކުރާ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ގަތުމަށްޓަކައި ފައިސާ ހޯދުމަށް މިހާރު މުޅި ދައުލަތް ލޫޓުވަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ކަންމަތީ އެއްވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައީސް މުއިއްޒު މިހާތަނަށް 4000ށް ވުރެ ގިނަ ވައުދުވެވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، މިވައުދުތައް ފުއްދުމަށްޓަކައި ހުރިހާ ރައްޔިތުން އަމަލީ މަސައްކަތަށް ނިކުތްނަމަވެސް ހަގީގަތަކަށް ނުވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ހީލަތްތެރި ގޮތަކަށްކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ މިހާރު ގައުމު ހިންގުމަށް ވެސް މަސައްކަތް ކުރަނީ އެގޮތަށް ކަމަށެވެ. އެމަނިކުފާނުގެ ހީލަތްތެރިކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ ރިޔާސީ ދައުރު ދިގުދަންމާލުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އެވޯޓު ގަތުމަށްޓަކައި ގިނަ ރައްޔިތުންނަށް ވަޒީފާތައް ދޭނެ ކަމަށާއި، މުޅި ދައުލަތް ލޫޓުވައި ބޮޑެތި ހިޔާނަތްތައް ހިންގައި އެކަމަށް ސަރުކާރުން ފައިސާ ހޯދަމުންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ބައެއް ރަށްރަށުގައި އެފެއްޓި ނުވަތަ އެވައުދުވި ބައެއް ޕްރޮޖެކްޓްތައް ކުންފުނިތަކާ ހަވާލުކޮށް ކޮންމެވެސް ވަރަކަށް މަސައްކަތް ހިންގާލަފާނެ. ބޭނުމަކީ ކައުންސިލް އިންތިޚާބާއެކު ރިފަރަންޑަމްގެ ވޯޓު ރިޔާސީ ދައުރުތައް ދިގުދަންމާލުން. ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބާ ކައުންސިލް އިންތިޚާބު އެއްކޮލުމުގެ ވޯޓަށް ދިއުމަށްޓަކައި. އެތައް ބައިވަރު ރައްޔިތުންނަށް ވަޒީފާދޭނެ. ދީފައި ރައްޔިތުންގެ ގާތުގައި އަހާނީ ދައުރު ދަންމާލާ ރިފަރަންޑަމަކަށް. އެރިފަރަންޑަމަށް ފައިސާ ހޯދުމަށްޓަކައި ކެންޕޭނަށް ފައިސާ ހަރަދު ކުރުމަށްޓަކައި ރައްޔިތުންގެ ވޯޓު ގަތުމަށްޓަކައި މިހާރު އެދަނީ މުޅި ދައުލަތަށް ލޫޓުވަމުން. ވައްކަން ކުރަމުން. ސިނގިރޭޓު ވައްކަމަށް ބެލިއަސް އެހެން ވައްކަމަކަށް ބެލިއަސް މިހުރިހާ ވައްކަމެއް ކޮށްގެން މިކުރާކަމަކީ އެއަށް ފައިސާ ހޯދުން. ޑްރޯން ގަންނަނީ ވެސް އެކަމަށް. އެކަމުގެ ތެރެއިން ކަޓު ނަގަން ފައިސާ ހޯދަން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު![]()
މެންބަރު މައުރޫފް ވިދާޅުވީ ސަރުކާރުން ދޭ ފައިސާގައި ޖެހި، ރިޔާސީ ދައުރު ދިގުދަންމާލަން ރައްޔިތުން ރުހުން ދީފި ކަމަށްވާނަމަ ދިވެހިރާއްޖެ އަލުން އަނބުރާ ނުހޯދޭނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ވިސްނައި، ހޭލުންތެރިވެ ތިބުމަށް މެންބަރު މައުރޫފް ގޮވާލެއްވިއެވެ.