ކ. މާލެ
|
23 ޖޫން 2025 | ހޯމަ 09:42
 މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅި
މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅި
ރައީސް އޮފީސް
މަތީ ތައުލީމް
"އޭލެވެލްގެ ފުރުސަތުން މަހުރޫމުވާ ކުދިންގެ އަދަދު މަދުކޮށް، ސްކޫލް ނިމޭ މަރުހަލާ ގްރޭޑު 11، 12 އަށް ހެދުމުގެ ވިސްނުން އެބަ ހުރި"
ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުންވަނީ މަތީ އަރުތަވެރިންގެ އިނާމް ހާސިލްކޮށްފަ
2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުން އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު، ދުނިޔޭގެ 10 ވަނާގައި ހިމެނުނު 32 ދަރިވަރުންނަށް ވަނީ އެވޯޑްދީފަވޭ

ސްކޫލު ތައުލީމު ނިންމާ މަރުހަލާ ގްރޭޑު 10 ގެ ބަދަލުގައި ގްރޭޑު 11، 12 އަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ވެރިކަމުގައި ކުރި މަސައްކަތުން ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު %77 އިތުރުވެފައިވާ ކަމަށެވެ.

2024 ވަނަ އަހަރުގެ އިމްތިހާންގައި އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު ވެސް ކުރިއަށް ވުރެ 106 ކުދިން އިތުރުވެފައިވާކަމަށް ފާހަގަކުރައްވާ އެ ކާމިޔާބީ އަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. ޔުނިވަރސިޓީތަކަށް ވަދެވޭ މިންވަރަށް ފާސްވާ ދަރިވަރުންގެ އަދަދު ގިނަ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާނެ ކަަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިހާރު ކަންކަން ހިނގާ ގޮތުން އޭ ލެވެލްގެ ފުރުސަތު ނުލިބޭ ގިނަ ދަރިވަރުންތަކެއް ތިބި ކަމަށާއި އެކަން ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވީހާވެސް ގިނަ ދަރިވަރުންނަށް އޭލެވެލްގެ ފުރުސަތު ހޯދާދީ، ދަރިވަރުން ބާކީ ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް މަސައްކަތް ކުރައްވާ ކަަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން ފެށި ޕައިލެޓް ޕްރޮގްރާމުން ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީއަހަރަށްވުރެ %77 މަތިވި. އަދި ސަރުކާރާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕާއި ޕްރއިވެޓް ސްކޫލްތައް ގުޅިގެން މުޅި ޖުމްލަ އެއްކޮށްލުމުން އޭލެވެލް ކިޔަވާ ކުދިންގެ އަދަދު ވަނީ މުޅި ރާއްޖޭގައި %38 އިތުރުވެފަ.

އެޑިކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު

ތައުލީމީ ދާއިރާ އަށް ބޮޑު ހޭދަ އެއް ކޮށްފައިވާ ކަމަށް ފާހަގަކުރައްވާ 437 މިލިއަން ރުފިޔާ 2023 ވަނަ އަހަރު ހޭދަކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2024 ވަނަ އަހަރު 4.4 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާ އަށް ހޭދަކޮށްފައި ވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރުންގެ ނަތީޖާ މިހާރަށްވުރެ މަތިކޮށް ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކަށް ވަދެވޭ ކުދިންގެ އަދަދު ގިނަ ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށްޓަކާ ކުރަންޖެހޭ މަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި، 572 ދަރިވަރަކަށް ވަނީ އިނާމު ދީފައިވެއެވެ. މީގެ އިތުރުން 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުން އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު، ދުނިޔޭގެ 10 ވަނާގައި ހިމެނުނު 32 ދަރިވަރުންނަށް ވަނީ އެވޯޑްދީފައެވެ.

ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުންވަނީ މަތީ އަރުތަވެރިންގެ އިނާމް ހާސިލްކޮށްފައެވެ.

- ކޮމެންޓް