މުސްތަޤްބަލުގައި ފަތުރުވެރިކަމަށް އެކަނި ރާއްޖެ މަޤްބޫލު ވުމުގެ ބަދަލުގައި ފަތުރުވެރިކަމާއި އެކު ބޭސްވެރިކަމަށް ފަހު ޤައުމަށް ރާއްޖެ ވުމުގެ ޤާބިލްކަން އެބަ ހުރި ކަމަށް، ސްޕެއިން އިން އިންޑިއާ އާއި ރާއްޖެ އަށް ކަނޑައަޅުވާފައިވާ ސަފީރު ހުއާން އެންޓޯނިއޯ މާރޗް ޕުޖޯލް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވި ބާސެލޯ ނަސަންދުރާގައި ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުންނެވެ.
ސްޕެއިން އާއި ރާއްޖެ އާއި ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އާ ޖީލުން ސްޕެއިންގައި ހުރި އުނގެނުމާއި ތަމްރީންގެ ފުރުސަތުތަކަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގިނަ ދިވެހިންނަކީ އިނގިރޭސި ބަހަށް ފަރިތަ ބަޔަކަށް ވުމާއި އެކު ދިވެހިންނަށް ލިބޭ އެފަދަ ފުރުސަތުތަކުގައި ސްޕެއިން ބަސް ދަސްކުރުމަކީ އެއީ މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު ވަރަށް ބޮޑަށް ފަހި ކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިންވެސްޓް ކުރާ ސްޕެއިންގެ ފަރާތްތައް އިތުރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޭސްވެރިކަން ފަދަ ދާއިރާތަކުން މީހުން އުފެއްދުމުގައި ސްޕެއިން އަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެންޓި އޭޖިން ފަދަ ސިއްހީ ދާއިރާތަކުގައި ސްޕެއިން އަކީ ތަޖުރިބާ ހުރި ޤާބިލް ޤައުމަކަށް ވުމާއި އެކު އެ ދާއިރާތަކުން ސްޕެއިން އަށް ގޮސް ތަމްރީން ހޯދިދާނެ ކަމަށާއި އެކަމުގައި އެ ޤައުމަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ޤައުމަށް ގޮސް ހުރި ފުރުސަތުތައް ބެލުމަށް ރާއްޖޭގެ އާޖީލަށް އެނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ސްޕެއިން އަކީ އުމްރާނީ ދާއިރާ އިން ފާހަގަކޮށްލެވޭ ޤައުމަކަށް ވުމާއި އެކު ރިސޯޓްތައް ތަރައްޤީކުރުމުގައި އެ ދާއިރާ އިން ސްޕެއިން އަކީ ރާއްޖެ އަށް އެހީވެވިދާނެ ޤައުމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ސާފު ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި ވެސް ދެ ޤައުމުގެ ގުޅުން ވަރަށް މުހިންމު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ސްޕެއިން އަކީ ކޯސްޓަލް ޤައުމަކަށް ވެފައި ރާއްޖެ އަކީ ބޮޑު އިންސައްތަ އެއް ކަނޑު ހިއްސާ ކުރާ ޤައުމަކަށް ވުމާއި އެކު ދެ ޤައުމުން ގުޅިގެން ކުރެވިދާނެ ގިނަ މަސައްކަތްތަކެއް ހުރި ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ތިމާވެއްޓާ ކުރާ އަސަރުތައް ކުޑަ ކުރުމަށް ވެސް އެކުގައި މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.