ކ. މާލެ
|
21 ޖޫން 2025 | ހޮނިހިރު 12:26
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
އެމްޑީޕީ
މި ސަރުކާރު ބަލި ކުރުން
ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް ތިބެންވާނީ ތައްޔާރަށް: ޝާހިދު
މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވޭ
ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރާކަށް ނޫން
ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް މަސައްކަތް ކުރަނީ އިންތިޚާބުން ސަރުކާރު ބަލިވާނެކަން އެނގޭތީ

މި އަނިޔާވެރި ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް އެންމެން ތިބެންވާނީ ތައްޔާރަށް ކަމަށާއި، އަމާޒު ހުންނަން ވާނީ މުސްތަގުބަލަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރާކަށް ނޫންކަމަށާއި، މަދުވާ އަދަދަށް ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކައުންސިލްތަކުގެ އަގު ވައްޓާލުމާއި ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ނިކުމެ އޮތީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ބަލިވާނެކަން އެނގޭތީ ކަމަށެވެ.

ކައުންސިލްތަކުގެ އަގު ވައްޓާލަން ސަރުކާރުގެ އެންމެ އިސްވެރިޔާ ނިކުމެ އެ ހުންނެވީ ގޮތް ހުސްވީމާކަމަށް ވިދާޅުވެ، ޝާހިދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން ފުވައްމުލަކުން އެމްޑީޕީގެ ޓީމަށް ކިޔާފައިވާ މަރުހަބާއަށް އަލިއަޅުއްވާލައްވައި ޝާހިދު ވިދާޅުވީ އެ މަރުހަބާއިން ދޭހަކޮށްދެނީ އެމްޑީޕީގެ ފަލްސަފާއަށް ރަށުގައި އޮތް ލޯބިކަމަށެވެ. އަދި ފުވައްމުލަކުން ވެސް ޕީއެންސީގެ ބައެއް ބޭބޭފުޅުން ބައްދަލުކުރެއްވި ކަމަށާއި، އެބޭފުޅުންވެސް ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ޑރ. މުއިއްޒު އިންތިޚާބު ކުރެއްވުމަކީ ހެއްދެވުނު ގޯހެއްކަން ގަބޫލުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު އާއި އެޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ފުވައްމުލަކަށް ވައިގެންފައިވަނީ ޕާޓީގެ ހަރަކާތްތައް ހިންގުމާއި ގުޅޭގޮތުން ފުވައްމުލަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކާއި ބެހޭ ގޮތުންވެސް މި ދަތުރުގައި އެބޭފުޅުން މަޝްވަރާކުރައްވާނެ އެމްޑީޕީން ބުނެއެވެ.

- ކޮމެންޓް