އިސްރާއީލުން ޣައްޒާގައި 43 މީހުން ހުކުރު ދުވަހު ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ އިސްރާއީލުގެ ބާރުތަކުން ހުކުރު ދުވަހު މަދުވެގެން 43 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި އެހީ ބަހާ މަރުކަޒެއްގެ ކައިރީގައި އެހީ ހޯދަން ގޮސްތިބި ތިބި 26 މީހުން ހިމެނޭ ކަމަށެވެ.
ހާލުގައި ޖެހިފައިވާ ޣައްޒާގެ ފަލަސްތީނު ރައްޔިތުން އެހީ ހޯދުމަށް މަރުކަޒުތައް ކައިރި އަށް ދިއުމުން އެމީހުންނަށް އަމާޒު ކޮށް ޑްރޯން އާއި ބަޑިން އިސްރާއީލު ސިފައިން ހަމަލާ ދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ. މިއީ މިގޮތުން ހިންގާފައިވާ މަރުގެ ހާދިސާތަކުގެ ސިލްސިލާގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާއެވެ.
ހުކުރު ދުވަހުގެ "ފަތިހުން ފެށިގެން ޣައްޒާ ސަރަޙައްދަށް އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގެ ސަބަބުން 43 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން 26 މީހުންނަކީ އިންސާނީ އެހީއަށް އިންތިޒާރުކުރަމުން ތިބި މީހުންނެވެ،" ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީގެ މެޑިކަލް ސަޕްލައިގެ ޑިރެކްޓަރު މުޙައްމަދު އަލް-މުޣައްޔިރު އޭ.އެފް.ޕީއަށް ވިދާޅުވިއެވެ.