ގަދަ ބަސް ވިދާޅުވެފައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑޮލަރު މާރުކުރުމުގެ އުސޫލަށް ގެނައި ބަދަލުން ފަހިވީ ޑޮލަރުގެ ކަޅު ބާޒާރަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އާއްމުންނަށް އެތައް ގެއްލުމެއް ވީ ނަމަވެސް ސަރުކާރުން ތިބީ އެކަން ވަރިހަމަކޮށްގެން ކަމަށެވެ. މިހާރު ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށާއި ޑޮލަރުގެ ސިޔާސަތު ބަދަލުކުރީ ވަރަށް ޚުދުމުހުތާރުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ސަބަބުން އާއްމު މީހާ އަށް ގެއްލުން ވަނީ. ކޮވިޑް 19 އަށް ވުރެ ހާލަތު ގޯސްވޭ އެބަ ދޯދިޔާ ސިޔާސަތުގެ ސަބަބުން." ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ނުފޫޒުގެ ދަށުގައި މަޖިލީހާއި ޝަރުއީ ދާއިރާ ވެސް އިތުރުން ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުމަށް މަގުމައްޗަށް ނުކުތުން ނޫން ގޮތެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އާއްމުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ. ޑޮލަރު ލިބުމުގައި ދަތިވުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފައެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކް ތަކަށް މާރު ކުރަން ލާޒިމް ކޮށް, ބޭރު ފައިސާ އާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައި ވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ވަނީ ނިންމާފައެވެ.
ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީ، 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ މޭއި މަހުގެ ތެރޭގައި ވިދާޅުވެފައެވެ.
ނަމަވެސް މިހާރުވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން ހުރި އަގު ދަށް ނުވެ، އެ އަގު އިންތިހާ އަށް އުފުލެމުން ދިއުމަކީ ވިޔަފާރިވެރިންގެ އިތުރުން އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރި ކުރުމަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށާއި، ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ. ރައީސް މުޢިއްޒު އެހެން ވިދާޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު ވެސް، މިވީ އެއް އަހަރުގެ ތެރޭގައި ވެސް ޑޮލަރުގެ އަގު ހުރީ ނަވާރަ ރުފިޔާ އަށް ވުރެ މަތީގަ އެވެ.