Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2025 | ހޮނިހިރު 15:41
ރައީސް މުއިއްޒު އާއި ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ރައީސް މުއިއްޒު އާއި ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ރާއްޖެއެމްވީ ގްރެފިކްސް
ވޯޓަށް ނުފޫޒު ފޯރުވުން
ވޯޓާ ދިމާ ކޮށް ސަރުކާރުން ވަޒީފާތައް ބެހުމުގެ އަޑީގައި ހުންނެވީ ސީދާ ރައީސް މުއިއްޒު ކަން ފަޅާ އަރައިފި
އެނޫން ގޮތަކަށް ކަންކަން ކޮށްގެން އިންތިޚާބު ކާމިޔާބު ކުރާނީ ކިހިނެއްތޯ ރައީސް މުއިއްޒު އެއްސެވި
ވޯޓު ކައިރިވެފައި އޮއްވާ ވަޒީފާ ދޭން މުއިއްޒު އަންގަވާފައި ވަނީ ޓީމެއް އޮންނަ އަދި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާ ވަރުގަދަ މީހުންނަށް
އާއިލާތަކުގެ މެމްބަރުންނަށް ވަޒީފާ ދީގެން ސަރުކާރު ބޭނުންވާ ގޮތަށް އިންތިހާބު ކާމިޔާބު ކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުން

ވޯޓާ ދިމާކޮށް ވަޒީފާތައް ބެހުމުގެ އަޑީގައި ހުންނެވީ ސީދާ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުކަން ފަޅާ އަރާފިއެވެ.

މިކަން ފަޅާ އެރީ ސަރުކާރަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ފޭދޫ ބަޔަކާ އެކު މިކަމާ ބެހޭ ގޮތުން ދައްކަވާފައިވާ ލީކުވެފައިވާ އޯޑިއޯ އެއް ގައެވެ.

އައިބީ އޯޑިއޯ ގައި ވިދާޅުވަނީ، "ސިންގަލް" މީހުންނަށް ވަޒީފާ ދިނުމަށް ރައީސް އަރިހުގައި ނުދެންނެވުމަށް ވިދާޅުވި ކަމަށެވެ. އަދި އިންތިޚާބު ބޯމަތި ވެފައި އޮއްވާ ވަޒީފާ ދޭން މުއިއްޒު އަންގަވާފައި ވަނީ ޓީމެއް އޮންނަ އަދި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާ ވަރުގަދަ މީހުންނަށް އެކަނި ކަމަށް އައިބީ ވިދާޅުވިއެވެ.

"ވަޒީފާގެ ވާހަކަ ދެއްކީމަ ރައީސް ވިދާޅުވި ވާހަކައެއް މި ބުނަނީ. އަޅުގަނޑުމެން ވެސް ވަރަށް ވިސްނަން ޖެހޭނެ މި ރަށުން ވެސް ވަޒީފާ އެއް ދޭން ވާހަކަ ދައްކާއިރު. ވިދާޅުވީ ފަހުން ވަޒީފާތައް ދޭނީއޭ ތިބުނާ މީސްމީހުންނަށް. މިހާރު މިއޮތީ އިންތިހާބު ބޯމަތިވެފައޭ. މިހާރު އަހަރުމެން ކައިރި އަށް އައިސް ވަޒީފާ އަށް ނުބުނައްޗޭ އެކަކު ވެސް. ސިންގަލް މީހެއްގެ ވާހަކަ،"

އައިބީ ވިދާޅުވީ މުއިއްޒު ބޭނުންފުޅު ވަނީ ބުނާ ގޮތަކަށް ކަންކަން ކުރާނެ ވަރުގަދަ ޓީމެއް އޮތް މީހުންނަށް ވަޒީފާ ދިނުމަށް ކަމުގައެވެ.

"އެހެން ނުހަދާ ކިހިނެއްހޭ އިންތިޚާބުތައް ކާމިޔާބުވާނި؟" ރައީސް މުއިއްޒު ވިދާޅުވި ކަމަށް ފޭދޫ ދެކުނު ދާއިރާގެ ތަމްސީލު ކުރާ ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އެ މީހަކަށް ވަޒީފާއެއް ދޭ މީހެއްގެ ވަށައިގެން އަހަރުމެން ކުރަން މި އުޅޭ މަސައްކަތުގެ ޓީމެއް އޮންނަން ޖެހޭނެ ކަމަށާއި، އޭނަގެ މުޅި އާއިލާ މީހުންނާއި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާނެ ވަރުގެ ވަރުގަދަ މީހުންނަށް ކަންތައްތައް މިދަނޑިވަޅުގައި ކޮށްދިނުމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް އައިބީ ފާހަގަ ކުރެއްވިއެވެ.

އައިބީގެ ވާހަކަ އިން ދޭހަވާ ގޮތުގައި ރައީސް މުއިއްޒުގެ ވިސްނުމަކީ ބޮޑެތި ނުފޫޒު ގަދަ އާއިލާތަކުގެ މެމްބވަރުންނަށް ސަރުކާރުން ވަޒީފާތައް ބަހައިގެން ސަރުކާރު ބޭނުންވާ ގޮތައް އިންތިޚާބުތައް ކާމިޔާބު ކުރުމެވެ.

"އަހަރުމެން ބޮޑު ސިންގާ ވަޒީފާ އެއް ދިނީމަ އެ މީހާ ޖަސްޓް ގިނިކަންޏާއޭ މި އަންނަނީ އަހަރުމެން ކައިރިއަށް. އެހެން ކަމަކު ނުދާނެއޭ. މިހާރު ގޭގޭގައި ތިބޭނޭ އެކަހަލަ އާއިލާތައް، ބޮޑެތި އާއިލާތައް އެބައެއްގެ ކުއްޖަކަށް ވަޒީފާއެއް ދިނީމަ މުޅި އާއިލާ ސަރުކާރާ އެއްކޮށް މަސައްކަތް ކުރާ. އަދި އެހެން ޕާޓީގައި ތިބިއްޔާ ޕާޓީ އަށް ހުރިހާ ކުދިން ވަދެގެން މަސައްކަތްކުރާ. އެހެން ނަހަދާ ކިހިނެއްހޭ އިންތިހާބުތައް ކާމިޔާބުކުރާނީ."

އޮޑިއޯ ގައި އައިބީ ވިދާޅުވަނީ ރައީސް މުއިއްޒު އެ ދެއްކެވީ "ވަރަށް ޒިންމާދާރު ވަރަށް ރަނގަޅު ވާހަކަ އެއް،" ކަމުގައެވެ.

އައިބީ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޚިޔާލު ހޯދުމުގެ ވޯޓަކަށް އައްޑޫ ސިޓީ އަންނަނީ ތައްޔާރު ވަމުންނެވެ. އައްޑޫ ރައްޔިތުންގެ މެދުގައި މި މަހު 25 ގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.

އައްޑޫ ރައްޔިތުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުމުން ހުރި މި މައްސަލައިގައި ވޯޓު ނަގަން ސަރުކާރުން ނިންމީ ކުއްލި އަކަށް ކަމަށާއި މިކަމަށް އެކަށީގެންވާ ވަގުތު ދީފައި ނުވާ ކަމަށާއި ވޯޓާ ބެހޭ ގޮތުން އެކަށީގެންވާ ގޮތެއްގައި ރައްޔިތުން ހޭލުންތެރި ކޮށްފައި ނުވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ ޚިޔާލު ހޯދުމުގެ ވޯޓުގެ އިތުރުން ލޯކަލް ކައުންސިލު އިންތިޚާބު ގާތް ވަމުން އަންނަ އިރު އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީގެން ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަން އުޅޭ ވާހަކަ އަކީ ގިނަ ބަޔަކު މިހާރު ވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ.

- ކޮމެންޓް