މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 4 މެންބަރުންގެ މުއްދަތު ހަމަވާތީ، އެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމަށް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ، ބުރާސްފަތި ދުވަހުން ފެށިގެން 6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ، މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30ން 12:00ށް އެ އޮފީހުން ކަމަށެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
މީރާގެ ބޯޑު މެންބަރުކަމުގައި ތިއްބަވަނީ ހަތް ބޭފުޅުންނެވެ.
އެއީ ޗެއާޕާސަން އަހްމަދު ސާއިދު މުސްތަފާ، ޑެޕިއުޓީ ޗެއާޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިން، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ހަސަން ޒަރީރު އަދި ބޯޑު މެންބަރުންގެ ގޮތުގައި، އައިޝަތު އަޝާ އަލީ، ދަހާ ޝުޢައިބު، މުމްތާޒް ޢަބްދުއްރަޝީދު އަދި ހުޝާމް ވަޙީދެވެ.
ބޯޑަށް ކުރިމަތި ލެވޭ ބައެއް ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ޓެކްސް، އިގްތިސާދު، މާލީ، އެކައުންޓިން، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
މި މަގާމަށް އެއްވެސް ސިޔާސީ ޕާޓީއެއްގައި އުޅޭ މީހަކަށް ކުރިމަތި ނުލެވޭނެއެވެ.