ތައުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ޤާއިމު ކުރުމާާ މެދު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި އެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ޤަރާރު ހުށަހެޅުއްވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިޞަލް އެވެ. ބުދަ ދުވަހުގެ ޖަލްސާގައި ވަނީ އެ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
އެ ޤަރާރުގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރު ގަޑީގެ އިނާޔަތްތައް ނުލިބޭ ގޮތަށް، ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަ ކުރަމުންދާ ދިޔުމުގެ ސަބަބުން ދިމާވަމުންދާ ގޮންޖެހުންތައް ޙައްލުުކޮށް، އިތުރު ގަޑީގެ މަސައްކަތަށް އުޖޫރު ދިނުމާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމަށް ކަމާ ބެހޭ އިދާރާތަަކަށް އެންގުމާ މެދު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި އެ ޤަރާރު ހުށަހަޅާ ކަމަށެވެ.
އެ ޤަރާރުގައި ބުނެފައި ވަނީ ދައުލަތުގެ އައު ފްރޭމްވީކުގެ އޯޓީއާ ގުޅޭ މިންގަނޑުގައި ބަޔާން ކޮށްފައިވާ ގޮތުން، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ އެ މިންގަނޑުގައި އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާން ކޮށްފައިވާ ފަރާތްތަކުގެ މަޤާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 އިންސައްތަ އަށް ވާ މިންވަރަށް ކަމަށް ވާތީ، އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވާ މަސައްކަަތް ކުރުވުން މަނާ ކޮށްފައިވާ ކަމަށެވެ.
ނަަމަވެސް، ޞިއްޙީ ދާއިރާގައި އާންމުންނަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ އަދަދެއްގެ ޞިއްޙީ މަސައްކަތްތެރިން ނެތުމާ އެކު، ޞިއްޙީ މަސައްކަތްތެރިންގެ ގިނަ ފަރާތްތައް ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަ ކުރަން ޖެހިފައިވާއިރު، އަދި ހަމަ އެހެންމެ ތައުލީމީ ދާއިރާ އަށް ބަލާއިރު ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަކީ ސްކޫލު ގަޑިތަކުގެ ބޭރުން ެވސް ވަގުތުތަކެއް މަސައްކަތަށް ހޭދަ ކުރަން ޖެހިފައިވާ ބައެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން މި ދެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ނިސްބަތް އިތުރުވުމަކީ، މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ހަައްލު ކުރުމަށް އެޅިގެންދާނެ އެކަށީގެންވާ ފިޔަވަޅެއް ކަމުގައި ފެންނަ ކަމަށް ބުނެފައިވެ އެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިން އަށް ވުރެ އިތުރަށް އެއްވެސް ފަރާތެއް ލައްވައި މަސައްކަތް ކުރުވަން ޖެހޭ ހާލަތުގައި، އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅުފައި އޮތުން ކޮންމެހެން މުހިންމު ކަމަށް ޤަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ޤަރާރުގައި އިތުރަށް ބުނެފައި ވަނީ ޞިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން އިތުރު ގަޑީގެ މަސައްކަތް ކުރުމަށް ލާޒިމުވާ ހާލަތުގައި، އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާ ކުރަން ޖެހޭ ކަމަށް ދެކޭ ކަމަށެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ ދާއިރާ އާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ޙާލަތު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދައިި، އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އެކަންކަމަށް އެކަށީގެންވާ ހައްލު ތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ.