ކ. މާލެ
|
18 ޖޫން 2025 | ބުދަ 10:07
މުބާރާތުގައި މޮންޓަރޭ އާއި އިންޓަރ މިލާން ބައްދަލު ކުރި މެޗުގެ ތެރެއިން
މުބާރާތުގައި މޮންޓަރޭ އާއި އިންޓަރ މިލާން ބައްދަލު ކުރި މެޗުގެ ތެރެއިން
ރޮއިޓަރސް
ފީފާ ކުލަބް ވޯލްޑް ކަޕް
މޮންޓަރޭ އާއި އިންޓަރ މިލާން އެއްވަރު
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މޮންޓަރޭ އިންނެވެ. ނަމަވެސް އިންޓަރ މިލާނުން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕު އީގައި މެކްސިކޯގެ މޮންޓަރޭ އާއި އިޓަލީގެ އިންޓަރ މިލާން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ރޯސް ބޯލް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ފަތިހު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މޮންޓަރޭ އިންނެވެ. ނަމަވެސް އިންޓަރ މިލާނުން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އިންޓަރ މިލާން އަކީ މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފައިވާ ޓީމެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެ ޓީމު ވަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި މޮންޓަރޭ އިން ވަނީ އިންޓަރ މިލާން ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމުގެ އޮލިވާ ޓޮރޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ސްޕެއިންގެ ސާޖިއޯ ރާމޯސް އެވެ. އިންޓަރ މިލާންގެ އޭރިޔާ ތެރޭގައި ހުރެ އޭނާ ވަނީ ބޮލުން ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އިންޓަރ މިލާން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އިންޓަރ މިލާނަށް ޖަހައިދިނީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކާލޮސް އޮގަސްޓޯ އެވެ.

މުބާރާތުގައި މޮންޓަރޭގެ ދެ ވަނަ މެޗުގައި ނިކުންނާނީ ރިވާ ޕްލޭޓާ ދެކޮޅަށެވެ. އަދި އިންޓަރ މިލާންގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އުރަވާ ރެޑް ޑަައިމަންޑްސްއާ ދެކޮޅަށެވެ.

- ކޮމެންޓް