އައު ސީޒަންގެ އިޓާލިއަން ލީގުގެ ފުރަތަމަ މެޗުގައި ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިލާން މޮޅުވެއްޖެ އެވެ.
އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 އިންނެެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓަރ އިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އިންޓަރ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެސާންޑްރޯ ބަސްޓޮނީ އެވެ. އެ ލަނޑު ޖަހަން ބަސްޓޮނީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނިކޮލާ ބަރެއްލާ އެވެ.
އޭގެ ފަހުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އިންޓަރ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ޕީޓާ ސުސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޓަރ އަށް އެ ލަނޑު ޖަހައިދިނީ މާކަސް ތުރަމް އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި، އިންޓަރ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މިދިޔަ ސީޒަންގައި ވެސް މާޓިނޭޒް ވަނީ އިންޓަރ ގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި އިންޓަރގެ ހަތަރު ވަނަ ލަނޑު ޖެހީ ތުރަމް އެވެ. އެ ލަނޑު އޭނާ ޖެހީ ބަސްޓޮނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އިންޓަރގެ ފަސް ވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖެހީ އަންގޭ ބޮނީ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މިއީ އިންޓަރގެ ކޯޗުކަމާ ކްރިސްޓިއަން ކީވޫގެ އިރުޝާދުގެ ދަށުން އިންޓަރ އިން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ކީވޫ ބުނެފައި ވަނީ، އޭނާ ހަވާލުވެ ޕްރީ ސީޒަން ފެށި އެންމެ ފުރަތަމަ ދުވަހު ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނީ، އެމީހުން ކުރަން ޖެހޭ މަސައްކަތަށް އޮތް ޚާއްސަ ޝައުޤުވެރިކަން ކަމަށެވެ.
ޚާއްސަކޮށް އަލުން ބަލުން މަސައްކަތްތަކެއް ފަށަން ޖެހިފައިވާކަން ކުޅުންތެރިން ޤަބޫލު ކުރި ކަމަށާއި، ކުރަން އޮތީ ބުރަ މަސައްކަތެއްކަން ކުޅުންތެރިންނަށް އިޙުސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އައު ސީޒަންގެ ލީގާ ކުރިމަތިލީއިރު، އިންޓަރ އިން ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ކަމަށް އޭނާ ބުންޏެވެ.
ކީވޫ ބުނީ ފުރަތަމަ މެޗުގައި ވެސް އިންޓަރގެ ކުޅުންތެރިން ދައްކައިދިނީ މިދިޔަ މުއްދަތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އިންޓަރގެ ފަރާތުން ރަނގަޅު ކަންކަން ފެންނާނެ ކަމަށެެވެ. މިހާ ހިސާބުން އަދި ކިރިޔާ އިންޓަރގެ މަސައްކަތް ފެށުނީ ކަމަށާއި، އެ މަސައްކަތް ކުރުމުގައި އިންޓަރ ދެމި އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.