އިސްރާއީލު ބާރުތަކުން ހަމަލާދީ ޣައްޒާ ގައި އެހީ ފޯރުކޮށްދޭ ސަރަޙައްދެއްގައި ގޮދަން ފުށް ހޯދަން ގޮސްތިބި 51 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ ބާރުތަކުން ޣައްޒާގެ ދެކުނުގައި ހުރި އެހީ ބަހާ ތަނެއްގެ ކައިރީގައި ހަމަލާދީ ގިނަ ބަޔަކު ޝަހީދު ކޮށް، އަދި އެތައް ބަޔަކު ޒަޚަމު ކޮށްފައިވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައި ވަނީ އަންގާރަ ދުވަހުގެ މި އަނިޔާވެރި ހާދިސާ ގައި 200 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށެވެ.
އިސްރާއީލު ސިފައިންގެ ފަރާތުން ބީބީސީ އަށް ބުނެފައިވަނީ މި ހާދިސާ ގެ ރިޕޯޓުތައް ބަލަމުންދާ ކަމަށެވެ.
މިއީ ފަހަކަށް އައިސް ޣައްޒާގެ އެހީ ބެހުމުގެ ސަރަޙައްދު ތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިނގަމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ، އަދި އެންމެ ގިނަ މީހުން ޝަހީދުވި ހަމަލާއެވެ.
ފަހަކަށް އައިސް ޣައްޒާގައި ހިނގާފައިވާ ހުރިހާ މަރުތަކެއްހެން ހިނގާފައިވަނީ އެހީ ފޯރުކޮށްދޭ ސަރަހައްދުތަކަށް ދޭ ހަމަލާ ތަކުގައެވެ.
ސަރަޙައްދުގެ ނޫސްވެރިއަކާއި މަންޒަރު ދުށް މީހުން ބުނެފައި ވަނީ އިސްރާއީލުގެ ޑްރޯންތަކުން ދެ މިސައިލް ފޮނުވާލި ކަމަށާއި، އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެއްވެފައި ތިބި މީހުންނާ 400 އާއި 500 މީޓަރު ދުރުގައި އޮތް އިސްރާއީލު ޓޭންކަކުން ބަޑި ޖަހާފައިވާ ކަމަށެވެ.
މި ސަރަޙައްދުގެ މައި ޞިއްޙީ މަރުކަޒު ކަމުގައިވާ ނާޞިރު ހޮސްޕިޓަލް ވަނީ ޒަޚަމުވެފައިވާ މީހުން ގެނެސް ފުރިފައެވެ. މި ތަން ތޮއްޖެހިފައިވާތީ ޒަޚަމުވެފައިވާ ބައެއް މީހުންނަށް ފަރުވާ ދެމުން ގޮސްފައިވަނީ ތަޅުންގަނޑުމަތީގައެވެ.
ހަމާސްއިން މި ހާދިސާ އާ ބެހޭ ގޮތުން ބުނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކަކީ މަރުގެ ދަންތުރަ އެއް ކަމަށެވެ.
ޣައްޒާގެ ޞިއްޙަތާބެހޭ މިނިސްޓްރީގެ މަޢުލޫމާތު ބުނާ ގޮތުން 2023 ސެޕްޓެމްބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 55,297 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.