ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 17:18
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ރާއްޖެއެމްވީ
މަހާޒްގެ ފާޑުކިޔުން އޭސީސީއަށް
ތިން މަސްވެގެން ދިޔައިރު ސުވާލުކޮށްނުލާ، އެއީ ތަހުގީގު ކުރުމެއް ނޫން: މަހާޒް
މަހާޒް މީގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލަ އަދިވެސް ކުރިއަށް ގެންދާތީ އެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަހާޒް އަލީ ޒާހިރު މިއަދު އޭސީސީ އަށް ފާޑުވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް ވިދާޅުވީ، 3 މަސްދުވަހަށްވުރެ ގިނަދުވަސް ހޭދަވެފައިވާއިރު ސުވާލުކޮށްނުލާ މައްސަލަ ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރެމެއް ނޫންކަމަށެވެ.

އަދި ގާނޫނުގަ ބުނާ ހިމާޔަތް އޭސީސީގެ މެމްބަރުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެން ކަމަށާއި އެހެން ނޫންނަމަ މެމްބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަންޖެހޭނެ އަގު މާބޮޑުވާނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

އޭސީސީން ޖިނާއީ ތަހުގީގު ހިންގަމުންދަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަކިކުރި މަހާޒާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މާރިޗް ހަތަރު ވަނަ އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ މައްޗަށެވެ.

އޭސީސީން އެ މައްސަލަ ބަލަމުންދާކަން މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގުމުން، އެ ކޮމިޝަނުން އެ ތިން ބޭފުޅުން ސަސްޕެންޑުކުރިއެވެ.

މަހާޒް މީގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު އދ. އާއި ކޮމަންވެލްތުގެ އިތުރުން ބޭރުގެ ބައެއް ޖަމާއަތްތަކާއި ބާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

- ކޮމެންޓް