މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ޒަމްއަތު އަހުމަދު ވަހީދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މަޖިލިސް ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމް މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 54 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
ބްރޮޑްކޮމްއަށް އައްޔަން ކުރުމަށް ހަ ނަމެއް ދިރާސާ ކުރުމަށް މަޖިލީހަށް ރައީސް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ރައީސްގެ ލިސްޓުގެ ވެސް އެންމެ އިސްކަމެއް ދެއްވީ ޒަމްއަތަށެވެ.
ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރަށް ނަމަވެސް މަޖިލީހުން ރުހުން ދިނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާނަށެވެ. އަދި ރައީސް ވަނީ އޭނާ ބްރޯޑްކޮމްއަށް އައްޔަންކުރައްވައިފައެވެ.
އެއަށްފަހު މިދިޔަ މަހުގެ 12ގައި ރައީސް ވަނީ އެ ކޮމިޝަނަށް އައްޔަންކުރަން ހަ ބޭފުޅުންގެ އިތުރު ލިސްޓެއް ފޮނުއްވައިފައެވެ. އެއީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީއެވެ.
ޒަމްއަތުގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުކަމަށް ހުށަހެޅުނު އެހެން ނަންތަކުގެ ތެރޭގައި އިބްރާހިމް އަޝްރަފް، މޫސާ ރިލްވާން، ޒީނާ ޒާހިރު، އަލީ ޔޫސުފް އަދި ޝިމްލާ އަހުމަދު ހިމެނެއެވެ.
ޒަމްއަތަކީ، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އޭނާވަނީ މީގެ ކުރިން ޕަބްލިކް ސާވިސް މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއަކަށް މަސައްކަތް ކުރައްވައިފައެވެ. އަދި ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް ވަނީ މަސައްކަތް ކުރަށްވާފައެވެ. ޒަމްއަތު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވައިފައެވެ.