ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 18:37
އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން
އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން
ރާއްޖެއެމްވީ
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވައިފި ނަމަ މަހަކު 70 ހާސް ދެނީ
މަނިކުފާނަށް އިތުރު އިނާޔަތްތަކެއް ދޭން އެ ކޮމިޝަނުން މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފަ

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާ ކުރައްވައިފި ނަމަ، އެ ބޭފުޅަކަށް ބޮޑު އެލަވަންސެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކޮމިޓީން އަންނަނީ ކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު 'ހުއްޓުވާލި'ކަމަށް ތުހުމަތުކުރެވިފައި އޮއްވައި މުއުތަސިމް ވަނީ ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައެވެ. އެ މަނިކުފާނުގެ ރިޓަޔާމަންޓާ މެދު ޖޭއެސްސީން އަދި ވަކި ގޮތެއް ނުނިންމައެވެ.

އެކަމަކު، އެ މަނިކުފާނަށް އިތުރު އިނާޔަތްތަކެއް ދޭން އެ ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެގޮތުން އެލަވަންސެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށް ވަނީ އެދިފައެވެ. އެއީ ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސްގެ ގޮތުގައެވެ.

އޭގެ އިތުރުން، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖެ އެމްވީ އަށް ވަނީ ޖޭއެސްސީން މަޖިލީހުގެ ރައީސްއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ލިބިފައެވެ. އެ ސިޓީން އެނގޭ ގޮތުގައި މިހާރު އޮތް ގޮތުން މުއުތަސިމް ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިލައްވާނީ 185،100 ރުފިޔާއެވެ. އެކަމަކު، ޖޭއެސްސީން ހުށަހެޅި އިސްލާހުތަކާ އެކު އެ އަދަދު 493،600 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި، މިހާރު މަހަކު އެ މަނިކުފާނަށް ލިބެން އޮތް 47،182.50 ރުފިޔާ 70،000 ރުފިޔާއަށް ބޮޑުވާނެއެވެ.

މިބަދަލު ގެނައުމަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ޖޭއެސްސީން މަޖިލުހަށް ހުށައަޅާފައި މިވަނީ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން ރިޓަޔާކުރައްވަން މިދިޔަ މޭ މަހު ހުށައަޅަފަައިވަނިކޮށެވެ.

މުއުތަސިމް ފަނޑިޔާރުކަން ކުރެއްވީ ނުވަ އަހަރާއި ހަ މަހާއި 11 ދުވަހެވެ. އެކަމަކު، އެ މަނިކުފާނު ވަނީ 24 އަހަރާއި ހަތަރު މަހާއި 18 ދުވަހު ދައުލަތަށް ޚިދުމަތްކުރައްވާފައެވެ.

- ކޮމެންޓް