ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 09:39
ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ ފްލޯރިއަން ވާޓްޒް
ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ ފްލޯރިއަން ވާޓްޒް
ރޮއިޓަރސް
ލިވަޕޫލް
ލިވަޕޫލް އިން ވާޓްޒް ގެންނަނީ
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ވާޓްޒް ހޯދުމުގައި ލިވަޕޫލް އާއި ލެވަކޫސަނަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ފްލޯރިއަން ވާޓްޒް ގެންނަން، ލިވަޕޫލް އިން ނިންމައިފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ލެވަކޫސަން އިން ފެށީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން 2023 ވަނަ އަހަރު އޭނާ ވަނީ ލެވަކޫސަންގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރު އެވެ.

ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި އޭނާ ވަނީ ލިވަޕޫލަށް ބަދަލުވާން އެއްބަސްވެފަ އެވެ. ވާޓްޒް ހޯދުމަށް ލެވަކޫސަން އާއެކު ލިވަޕޫލް އިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ލެވަކޫސަން އިން ވަނީ އޭނާ ދޫކޮށްލަން އެއްބަސްވެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ވާޓްޒް ހޯދުމުގައި ލިވަޕޫލް އާއި ލެވަކޫސަނަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އޭނާ ހޯދުމުގެ ގޮތުން ލިވަޕޫލް އިން ލެވަކޫސަން އަށް 150 މިލިއަން ޔޫރޯ ދައްކާނެ ކަމަށް ވަނީ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފަ އެވެ.

ވާޓްޒް ވަނީ ލެވަކޫސަންގައި ހަ ސީޒަން ހޭދަ ކޮށްފަ އެވެ. އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 197 މެޗުގައި 57 ލަނޑު ޖަހައިފަ އެވެ. ލެވަކޫސަން އާއެކު އޭނާ ވަނީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ވަނީ ވާދަކޮށްފަ އެވެ.

ވާޓްޒް އަށް ޖަރުމަނު ޤައުމީ ޓީމުން ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ސްކޮޑުން އޭނާ އަށް ޖާގަ ލިބުނު ނަމަވެސް، އަނިޔާގެ ސަބަބުން ފަހު ވަގުތު އޭނާ ޓީމުން އުނި ކުރި އެވެ.

އޭގެ ފަހުން 2024 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އިތުރުން، 25-2024 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގައި ވެސް ވާޓްޒް ވަނީ ކުޅެފަ އެވެ. އޭނާ ވަނީ ޖަރުމަނަށް ކުޅެދިން 31 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ.

- ކޮމެންޓް