އީރާނުގެ ސަރުކާރުގެ މީޑިއާ އިން ބުނެފައި ވަނީ މަދުވެގެން އިސްރާއީލުގެ ދެ ހަނގުރާމަ މަތީ ޖެޓް އީރާނުން ވައްޓާލައިފި ކަމަށެވެ.
މިކަން މިނިވަން ފަރާތަކުން ކަށަވަރުކުރެވިފައެއް ނުވެއެވެ.
އެހެން ނަމަވެސް ހަނގުރާމައިގެ ހާލަތު އަވަސް ދުވެއްޔެއްގައި ގޯސް ވަމުން ދާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.
ހުކުރު ދުވަހު 100 އެއްހާ ޑްރޯން އީރާނުން އިސްރޭލަށް އަމާޒު ކޮށްފައިވާ އިރު، އެއަށް ވުރެ މާ ވަރުގަދަ މިސައިލް ހަމަލާ ތަކެއް ހުކުރު ދުވަހުގެ ރޭ އީރާނުން އިސްރާއީލަށް ވަނީ ދީފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާ އިން އެ ގައުމުގެ ރައްޔިތުންނަށް އިންޒާރު ދީފައިވަނީ އީރާނަށް އިސްރާއީލަށް ޙަޤީޤީ ގެއްލުމެއް ދެވިދާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭގެ ހަމަލާތަކަކީ މިއީ އެކަން އެގޮތަށް ވުމުގެ ފުރަތަމަ ނިޝާން ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނަށް ދޭ ހަމަލާ ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށެވެ.
މި ދެ ޤައުމުގެ މެދުގައިވާ ހަނގުރާމަ ހޫނު ވަމުންދާއިރު އިސްރާއީލުން އީރާނަށް މި ދޭ ހަމަލާ ރޭވިފައި ވަނީ ކުރީއްސުރެ ކަމާއި، އެ ޤައުމުގެ މަޤްޞަދަކީ އީރާނުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން މުޅިން ނައްތާލެވެންދެން ހަމަލާތައް ދެމުން ގެންދިއުން ކަން ސާފުވާ ކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ތެހެރާނުން ހުކުރު ދުވަހުގެ ރޭ ދައްކާލާފައިވަނީ ކިތަންމެ ގަދަފަދަ ހަމަލާތަކެއް އިސްރާއީލުން ދިން ނަމަވެސް އަދިވެސް އެ ޤައުމަށް ބަދަލު ހިފުމުގެ ޤާބިލުކަން ލިބިގެންވާކަމެވެ.