ކ. މާލެ
|
13 ޖޫން 2025 | ހުކުރު 17:48
އައިއާރުޖީސީގެ އެއަރޮސްޕޭސް ޑިވިޜަންގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަމީރު-އަލީ ހަޖިޒާދޭ އިސްރާއީލުގެ ހަމަލާގައި ވަނީ ޝަހީދު ވެފައި
އައިއާރުޖީސީގެ އެއަރޮސްޕޭސް ޑިވިޜަންގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަމީރު-އަލީ ހަޖިޒާދޭ އިސްރާއީލުގެ ހަމަލާގައި ވަނީ ޝަހީދު ވެފައި
ޕްރެސް ޓީވީ
އިސްރާއީލް-އީރާން ހަމަނުޖެހުން
އީރާނުގެ އެއަރޯސްޕޭސް ޑިވިޜަންގެ ކޮމާންޑަރު އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް އީރާނުން ބުނެފި
ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުގެ ޓެރަރިސްޓު ހަމަލާތަކުގައި ޝަހީދުވި އަސްކަރީ ކޮމާންޑަރުންގެ ބަދަލުގައި އައު ކޮމާންޑަރުން ވަރަށް އަވަހަށް ވަނީ އައްޔަން ކޮށްފައި.

އީރާނުގެ އެއަރޯސްޕޭސް ޑިވިޜަންގެ ކޮމާންޑަރު އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެއަރޯސްޕޭސް ޑިވިޜަންގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް އަމީރު-އަލީ ހާޖިޒާދެހް، ޝަހީދުވީ ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުން އީރާނަށް ދިން ހަމަލާގައި ކަމަށް ވަނީ ބުނެފައެވެ.

އައި.އާރް.ޖީ.ސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާޖިޒާދެހް އާއި އިތުރު ބަޔަކު ޝަހީދުވެފައިވަނީ އައި.އާރް.ޖީ.ސީގެ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށެވެ.

ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުން ހަމަލާ ދިން ސިޓީ ތަކުގެ ތެރޭގައި ވެރިރަށް ތެހެރާން ވެސް ހިމެނެއެވެ.

އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ ވެރިރަށުގައި ހުރި ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި، އުތުރު ހުޅަނގު ސިޓީ ތަބްރީޒްގެ ތަންތަނަށާއި، ހުޅަނގު ސިޓީތަކުގެ ތެރެއިން ޚުއްރަމްއާބާދު، ކަރްމާންޝާހް، ބޮރޫޖާދު އަދި މެދުތެރޭގައިވާ ނަތަންޒް ސިޓީގެ ތަންތަނަށެވެ.

މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި އާންމު ރައްޔިތުން ޝަހީދުވެފައިވެއެވެ.

އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުއްﷲ ސައްޔިދު އަލީ ޚާމަނާއީ ވަނީ ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުގެ ޓެރަރިސްޓު ހަމަލާތަކުގައި ޝަހީދުވި އަސްކަރީ ކޮމާންޑަރުންގެ ބަދަލުގައި އައު ކޮމާންޑަރުން އައްޔަނު ކުރައްވާފައެވެ.

އާޔަތު ﷲ ޚާމަނާއީ ވަނީ މޭޖަރ ޖެނެރަލް މުޙައްމަދު ޙުސައިން ބާޤިރީ ޝަހީދުވުމާ ގުޅިގެން، ސައްޔިދު އަބްދުއްރަޙީމް މޫސަވީ އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފުގެ މަޤާމަށް އައްޔަނު ކުރައްވާފައެވެ.

އަދި މުޙައްމަދު ޕާކްޕޫރު، އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކޮމާންޑަރުގެ މަޤާމަށް އައްޔަނު ކުރައްވާފައެވެ.

މީގެ އިތުރުން، އިސްލާމީ އިންޤިލާބުގެ ލީޑަރު ވަނީ އަލީ ޝާދެމާނީ ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި، އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކޮމާންޑަރުގެ މަޤާމަށް އޭނާ އައްޔަނު ކުރައްވާފައެވެ.

މިއީ އީރާނުގެ އަސްކަރީ އޮނިގަނޑަށް ގެނެވުނު ބޮޑު ބަދަލެކެވެ. އަދި މިއީ އިސްރާއީލުގެ ހަމަލާތަކަށް އީރާނުން ދޭ ސީދާ ޖަވާބެއް ކަމުގައި ވެސް ބެލެވެއެވެ.

އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު މި ބަދަލުތައް ވަރަށް އަވަހަށް ގެންނެވިކަން ފާހަގަ ކުރެވެއެވެ. މިއީ އިސްރާއީލުގެ ހަމަލާތަކުން އީރާނުގެ އަސްކަރީ ލީޑަރޝިޕަށް ކުރިމަތިވި ގެއްލުން ފޫބެއްދުމަށް ކުރެވުނު މަސައްކަތެއް ކަމުގައި ބެލެވެއެވެ. އަދި މިއީ އީރާނުގެ އަސްކަރީ ބާރު ދެމެހެއްޓުމަށް ކުރެވުނު މަސައްކަތެއް ކަމުގައި ވެސް ބެލެވެއެވެ.

މި ބަދަލުތަކާއެކު، އީރާނުގެ އަސްކަރިއްޔާގެ އިސް މަޤާމުތަކަށް އައު ލީޑަރުން އައްޔަނު ކުރެވިފައި ވާއިރު، އެ ޤައުމުގެ އަސްކަރީ ބާރު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އިސްރާއީލާ ދެކޮޅަށް އީރާނުން ކުރިއަށް އޮތްތާ އަޅާނެ ފިޔަވަޅުތަކުގެ ފެށުން ކަމުގައި ވެސް ބެލެވެއެވެ.

- ކޮމެންޓް