ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށާއި، އިންތިޚާބާ ދިމާކޮށް ވަޒީފާތައްދީ މިއަހަރުގެ ބަޖެޓް ވެސް އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުހިންގާ ހުސްކޮލާފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު މީކާއިލް ވިދާޅުވީ ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށާއި، މިހާރު ވެސް މިއިންތިޚާބަށް ސަރުކާރުން ބައެއް ކަންކަން ކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ. އެކަމުގެ މަލަމަތި ފެނިފައިވާ ކަމަށާއި، ވަޒީފާތަކުން މުވައްޒަފުން ވަކި ކުރުމާއި، ސަރުކާރު ޕާޓީގެ މީހުންނަށް ވަޒީފާތައް ދެމުން ގެންދާ ކަމަށެވެ.
ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގާ މިދިޔަ އަހަރުގެ ބަޖެޓު ވެސް ހުސްކޮށްލި ގޮތަށް މިއަހަރުގެ ބަޖެޓު ވެސް ވަޒީފާތައް ދީގެން ހުސްކޮށްލަފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަދިވެސް މި ސަރުކާރަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގޭ ކަމަށެވެ.
މީގެ އިތުރުން މެންބަރު މީކާއިލް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ގޯއްޗާއި، ފްލެޓު ދޫކުރާނެކަން އިއުލާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުން ގޯތި ދިނުމުގެ ސިޔާސަތަކީ މިސަރުކާރުގެ ބޭފުޅުން ވަރަށް ދެކޮޅު ހެއްދެވި ސިޔާސަތެއް ކަމަށާއި، މި މަސައްކަތާ މެދު ސުވާލު އުފެދޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.
މެންބަރު މީކާއިލް ވިދާޅުވީ ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތައް އިއުލާން ނުކޮށް، ފުރަތަމަ ކުރީ ސަރުކާރުން ދޫކޮށް، ނިންމާފައިވާ ފްލެޓާއި ގޯތިތައް ދޫކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ނުގެންދެވޭ ސަރުކާރަކަށް އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.
18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް މާލެސަރަހައްދުގައި ދިރިއުޅޭ ކޮންމެ ދިވެހި ރައްޔިތަކަށް ގޯތި ދެއްވާނެ ކަމަށް ވިދާޅުވި އެނގޭތޯ. އެހެންނަމަވެސް ގޯތީގެ ސިޔާސަތަށް އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅުންނޭ ގޯތި ދެއްވާނެ ކަމަށް އެ ވިދާޅުވަނީ. ލަދު ގަންނަން ޖެހޭނުންތޯ. އަޅުގަނޑުމެން ގޯތީގެ ވާހަކަ ދެއްކެވީމަ އެދުވަހު މަލާމަތް ކުރެއްވި ބޭފުޅުންނޭ މިއަދު އަނެއްކާ ވެސް ތިމަންނާމެން ގޯތި ދޭނަމޭ މި ވިދާޅުވަނީ. ގޯތި ދިނުމަކީ ދިވެހި ރައްޔިތުންގެ އާއްމު މަސްލަހަތާ ދެކޮޅު ކަމެއްގެ ގޮތުގައި ތަކުރާރުކޮށް ވިދާޅުވި ބޭފުޅުން ވިދާޅުވަނީ މިއަދު ގޯތި ދޭނަމޭ. އެހެންވީމަ ދިވެހި ރައްޔިތުން ކޮން ވާހަކައެއްތޯ ގަބޫލުކުރަން ވީ. ފުރަތަމަ އުޅެންވީނުންތޯ އަޅުގަނޑުމެންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތިތައް ހަވާލުކުރަން އެނގޭތޯ. އިތުރު ގޯއްޗެއް ނުލިބިގެން އަޅުގަނޑުމެން ނޫޅެމޭ. އެދިން ގޯތިތައް ހަވާލުކުރަންވީނުންތޯ. އެކަން ވެސް ނުކުރެވިގެން މިސަރުކާރުން މިއުޅެނީ. މިއަދު ގުރުލާފާނެ. މާދަމާ ބަދަލުކޮށްފާނެ. މާދަމާ ޕްލޭން ބަދަލުވެދާނެ. ސްލޮޓް ނަންބަރު ބަދަލުވެދާނެ އެނގޭތޯ. ރަޖިސްޓްރީއެއް ހަދަންވީ ގޮތެއް ދިވެހި ރައްޔިތަކަށް ނޭނގޭ. އެތަން ހޯދަން ދާންވީ ތަނެއް ދިވެހި ރައްޔިތަކަށް ނޭނގޭ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
މެންބަރު މީކާއިލް ވިދާޅުވީ މިއީ ވާނުވާ ނޭނގޭ ސަރުކާރެއް ކަމަށާއި، މިސަރުކާރުގައި ރައްޔިތުންނަށް ވެސް ވާނުވާ ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ މިވަރުގެ ސަރުކާރެއް ޒަމާނެއްގައި ރައްޔިތުން ދެކިފައިނުވާ ކަމަށެވެ.