Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2025 | ހޯމަ 13:46
އެމްޑީޕީން ފިނޭންސް މިނިސްޓްރީގެ ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ
އެމްޑީޕީން ފިނޭންސް މިނިސްޓްރީގެ ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރައީސް މުއިއްޒު ސަރުކާރު
ރައީސް މުއިއްޒުގެ ވައުދުނާމާގައި ނެތް ކަންކަން ކުރުމަށް ފައިސާ އެބަހުރި، ގައުމުން އެމަންޒަރު ފެނޭ: މެންބަރު އަހުމަދު ދީދީ
ގައުމަށް ވަމުންދާ ގޮތް ފިނޭންސް މިނިސްޓްރީން ހާމަކުރަންޖެހޭ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ރައްޔިތުންނަށް ފިއްލަވާފައި
ހުރިހާ މަޝްރޫއެއް މިސަރުކާރާއެކު ވަނީ ހުއްޓިފައި، ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިނުވޭ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުނާމާގައި ނެތް ކަންކަން ކުރުމަށް ފައިސާ އެބަހުރި ކަމަށާއި، ގައުމުން އެ މަންޒަރު ފެންނަ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހެނދުނު އެމްޑީޕީން ފިނޭންސް މިނިސްޓްރީގެ ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫއެއް މިސަރުކާރާއެކު ހުއްޓިފައިވާ ކަމަށެވެ.

މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމުގެ ޝަކުވާ ކުރަމުންދާކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދާ ކޮންޓްރެކްޓަރުން ވެސް ތިބީ މާޔޫސްކަމުގައި ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން ނުކުރެއްވި ނަމަވެސް ކުޑަކުދިން ދޭ ނޯޓުކޮޅު ކަމަށް ބުނެ، ބައެއް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ވެސް ނުދީ ހިފަހައްޓާފައިވާ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ފައިސާ ދޫނުކުރާ ކަމަށެވެ.

ވައުދުނާމާގައި ނެތް ކަންތައްތައް ފުއްދަން ލާރި ހުންނައިރު ވައުދުވި ކަންތައް ކުރަން ލާރި ނެތީ ކީއްވެތޯ. އެފައިސާއަށް ކިހިނެތްތޯ ވަނީ. 100 އެތައް ބިލިއަނެއް މިދެ އަހަރު ދުވަހުގެ ތެރޭގައި ގެއްލިގެންދާއިރު މިރާއްޖޭގެ އެއްވެސް ރަށެއްގައި ލޮލަށް ފެންނަ އެއްވެސް ކަމެއް ކުރީއެއް ނޫން. ލޮލަށް ނުފެންނަ ކަމެއް ވެސް ނުކުރާނެ.

މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ދުނިޔޭގެ އިގްތިސާދު ރަނގަޅު ކަމަށާއި، ކާރިސާއެއް ކުރިމަތިނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ތަކެތީގެ އަގުބޮޑުވެ، ޑޮލަރު ރޭޓު 20 ރުފިޔާއަށްވުރެ މަތިވެފައިވާ ކަމަށެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް މިހެން ދިމާވާންޖެހޭ ސަބަބު ނޭނގޭ ކަމަށާއި، މި ވަމުންދާ ގޮތުން ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ. އަދި ވާނުވާ ބުނެނުދީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންނަށް ފިއްލަވާފައިވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

- ކޮމެންޓް