އިސްރާއީލުން އީރާނަށް ހަމަލާދިނުމާއެކު ދުނިޔޭގެ ތެލުގެ އަގު މައްޗަށް ހިނގައްޖެއެވެ.
މި ޚަބަރު ފެތުރުމާއެކު، ބެންޗްމާކް ތެލުގެ އަގުތަކުގެ ތެރެއިން ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓްގެ އަގު 10 އިންސައްތަ އަށްވުރެ މައްޗަށް ޖެހިފައިވެއެވެ.
އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ހިނގައިފިނަމަ، ހަކަތައިގެ ގޮތުން މުއްސަނދި މި ސަރަހައްދުން ފޯރުކޮށްދޭ ތެލުގެ ސަޕްލައި އަށް ބުރޫއަރާފާނެ ކަމަށް ދުނިޔެއިން ކަންބޮޑުވެއެވެ.
ތެލުގެ އަގަށް އަންނަ ބަދަލާ އެކު، ފިހާރަތަކުން ލިބެން ހުންނަ މުދަލާއި، ކާބޯތަކެތީގެ އަގުން ފެށިގެން ގޮސް ދަތުރުފަތުރުގެ އަގަށް ވެސް އަސަރުކުރެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން ބަދަލު ހިފާނެތޯ ހަކަތައިގެ ވިޔަފާރީގައި ޝާމިލުވާ ފަރާތްތަކުން ތިބީ ބަލަން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
"މިއީ ގޮވާ ފަދަ ހާލަތެއް، އެހެންނަމަވެސް މިދިޔަ އަހަރުގެ އޭޕްރީލް އަދި އޮކްޓޯބަރުގައި އިސްރާއީލާއި އީރާނުން އެކަކު އަނެކަކަށް ސީދާ ހަމަލާދިން ފަދައިން، މިކަން އަވަހަށް ހައްލުވެދާނެ،" ވަންދަނާ އިންސައިޓްސްގެ ވަންދަނާ ހަރީ ބީބީސީއަށް ބުނެފައިވެއެވެ.
"މިކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެ، މެދުއިރުމަތީގެ ތެލުގެ ސަޕްލައިއަށް ބުރޫއަރައިފާނެ،" ކަމަށް ބެލޭ ކަމަށް ތަޖުރިބާކާރުން ބީބީސީ އަށް ބުނެފައިވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އެންމެ ގޯސްވެދާނެ ހާލަތެއްގައި، އީރާނުން ހޯމޫޒް ހަނިކަނޑުގެ އިންފްރާސްޓްރަކްޗަރ ނުވަތަ ކަނޑުދަތުރުފަތުރަށް އަމާޒުކޮށްފިނަމަ، ދުވާލަކު މިލިއަން ފީފާގެ ތެލުގެ ސަޕްލައިއަށް ބުރޫއަރައިފާނެއެވެ.
މި ހަނިކަނޑަކީ ދުނިޔޭގެ އެންމެ މުހިންމު ކަނޑުދަތުރުފަތުރުގެ މަގުތަކުގެ ތެރެއިން އެއް މަގެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި މި ހަނިކަނޑުން ދަތުރުކުރެއެވެ.
މެދުއިރުމަތީގައި ތެޔޮ އަދި ގޭސް އުފައްދާ ބޮޑެތި ފަރާތްތަކާއި އެފަރާތްތަކުގެ ކަސްޓަމަރުން މި ސަރަހައްދުން ހަކަތަ އުފުލުމަށް، ހޯމޫޒް ހަނިކަނޑަށް ދަތުރުކުރާ ނުވަތަ އެތަނުން ނުކުންނަ ގިނަ އަދަދެއްގެ ތެޔޮ އުފުލާ ބޯޓުތަކެއް ކޮންމެ ހިނދެއްގައި ވެސް އުޅެއެވެ.
އުތުރުން އީރާނާއި ދެކުނުން އޮމާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާ ގުޅިފައިވާ ހޯމޫޒް ހަނިކަނޑުން ގުޅުވައިދެނީ ޕާރޝން ކަނޑާއި އަރަބި ކަނޑެވެ.
ސަރަަަހައްދުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ތަޖުރިބާކާރުން ތިބީ ގާތުން މަސްރަހް ދިރާސާ ކުރުމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.