އިންޓަރޕޯލް އިން އިސްނަގައިގެން ހަތަރު މަހަށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ސެކިއުރ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެ، ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި 32 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ، އިންޓަރޕޯލް އިން އިސްނަގައިގެން ހިންގި "އޮޕަރޭޝަން ސެކިއުރ" ގައި ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަރކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށެވެ. މި އޮޕަރޭޝަންގައި 26 ގައުމަކުން ބައިވެރިވެފައިވެއެވެ.
ފުލުހުން ބުނީ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން އޭޕްރިލް މަހާ ހަމައަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަނުގައި އިންފޮމޭޝަން ސްޓީލިންގ މަލްވެއަރއާ ގުޅުންހުރި 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ނައްތާލެވިފައިވާ ކަމަށެވެ.
"އިންފޮމޭޝަން ސްޓީލަރސް" އަކީ ބްރައުޒަރ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައިހުންނަ ނުރައްކާތެރި މަލްވެއަރއެކެވެ. މިފަދަ ގޮތަކަށް ހޯދާ މައުލޫމާތު ބޭނުންކޮށްގެން އިތުރު ސައިބަރ ހަމަލާތައް ދިނުމަށްވެސް ބޭނުންކުރާ ކަމަށް ފުލުހުން ބުނެއެވެ.
އޮޕަރޭޝަން ސެކިއުރގެ ތެރެއިން، ދިވެހިރާއްޖެއާ ގުޅުންހުރި މައުލޫމާތުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގުކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، މި މަސައްކަތުގައި އިންޓަރޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، އަދި އެ މައުލޫމާތުތައް ދިރާސާކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި އެކު ޖުމުލަ 41 ސަރވަރއާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ އަތުލައިގަނެވުނު ކަމަށާއި، ގާނޫނާ ހިލާފު ސައިބަރ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަނުގައި 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދެވި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެންގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ސައިބަރ ކްރައިމް ސެންޓަރުގެ ހެޑް ވިދާޅުވީ އޮޕަރޭޝަން ސެކިއުރއިން އެކަނި ވެސް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތު ހާމަވާ ކަމަށެވެ. އަދ އިންޓަރޕޯލްއާއި ބައިވެރިވި އެހެނިހެން ގައުމުތަކާއެކު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ފަރުދުންނާއި ވިޔަފާރިތަކަށް ނުރައްކާވެފައިވާ މި ބާވަތުގެ ކުށްކުރާ ނެޓްވަރކްތައް ނައްތާލުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ސައިބަރ ކްރައިމް ސެންޓަރުގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ހޯދައި ގުޅިގެން މަސައްކަތްކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ.