މާލެ އިން މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި 10 މީހުންގެ ތެރެއިން 7 މީހުން ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ 10 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެއީ ޖުލައި 31 ވަނަ ދުވަހުއެވެ. އެ 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތްމީހުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލީ ޝަރުތުތަކާއި އެކުކަން ހާމަކުރި ނަމަވެސް އެ ޝަރުތުތަކަކީ ކޮބާކަން ފުލުހުން ހާމަކޮށްފަ އެއް ނުވެއެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށްނުލާ މީހުންނަކީ ހދ. ނޭކުރެންދޫ / ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ / ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) ފަސްދުވަހަށް އަދި ސ. ހުޅުދޫ / ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ)އެވެ. އެ މީހުން ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެގޮތުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖެއެމްވީ އަށް އިތުރަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ އެންމެންވެސް ހައްޔަރު ކުރީ އެއް ތަނަކުން ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި އެކުގައެވެ. އެ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމް ފެނުނު ކމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.