ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މާލީ ކަންކަމަށް އެއްވެސް ވަރަކަށް އިސްކަން ނުދެއްވާ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާކަހަދައްކަވަމުން ޔައުޤޫބް ވިދާޅުވީ ރައީސް މުއިއްޒު ވަނީ މާލީ ކަންކަމުގައި، މާލީ ގެއްލުމަކީ އެއީ އޮތް އެއްޗެއްކަމަށް ފުރަތަމަ ފަހަރަށް ގަބޫލުފުޅުކުރައްވާފައި ކަމަށެވެ. އަދި އެކަމާއި ވަރަށް ހިތްހަމަޖެހި އުފާކުރާ ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.
ޔައުޤޫބް ވިދާޅުވީ ރައީސް މުއިއްޒަކީ މީގެ ކުރީގައި މާލީ ކަންކަމުގެ އެއްވެސް އުސޫލެއް، ގަވައިދެއް އެއްވެސް ވަރަކަށް ގަބޫލުފުޅު ކުރައްވަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ އަހަރު މުޅިންވެސް ކަންކަން ކުރައްވަވާފައި ހުރީ މާލީ ގަވައިދުތަކާއި އުސޫލުތަކާއި ޚިލާފަށް، ގެއްލުން ވާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޔައުޤޫބް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން އެންމެ ބޮޑަށް އަހައްމިޔަތުކަން ދީގެން ބަލަހައްޓަމުން ގެންދެވި ކަންކަމަކީ މާލީ ކަންކަން ކަމަށާއި އެގޮތުން ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދެވީ މާލީ ކަންކަމަށް އިސްކަން ދީގެން ކަމަށެވެ.
ޔައުގޫބް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މާލީ ކަންކަމަށް އިސްކަންދޭކަން ފާހަގަވާ އެންމެ ބޮޑު އެއް މިސާލަކީ ބަރާބަރަށް ޤަވައިދުން މާލީ ރިޕޯޓުތައް އޮންނަ އުސޫލުގެ ތެރެއިން ނެރެމުން ގެންދިއުން ކަމަށެވެ. އެގޮތުން ހަފްތާއަކު އެއްފަހަރު އަދި މަހަކު އެއްފަހަރު ނެރެން ޖެހޭ މާލީ ރިޕޯޓުތައް ގަވައިދުން ނެރެފައި އެބަ ހުރިކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ ކުރީ ސަރުކާރުތަކުން މާލީ ކަންކަމުގައި މަސައްކަތް ކުރައްވަމުން އައީ ކަމުގެ ދާއިރާއިން ތައުލީމު ހާސިލްކުރައްވައިގެން ތިއްބެވި ކަމުގެ ތަޖުރިބާކާރުން ކަމަށެވެ. ނަމަވެސް ރައިސް މުއިއްޒުގެ މި ސަރުކާރުން މާލީ ކަންކަން ކުރައްވަނީ އެއާއި އިދިކޮޅަށް ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ މި ސަރުކާރުން ރިޕޯޓެއް ވެސް ނެރެނީ ނޫސްވެރިން ޕްރެޝަރ ކުރަން ފެށުމުން ކަމަށާއި، އެވެސް އެއް ހަފްތާ ނުވަތަ މަސައްދުވަހު ނެރެފައި އެކަން ހުއްޓާލާ ކަމަށެވެ.
ޔައުޤޫބު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އިތުރުން މާލީ ކަންކަން ކުރައްވާ ބައެއް އިދާރާތަކުންވެސް ނެރެން ޖެހޭ މާލީ ރިޕޯޓުތައް މިހާރު ނެރެމުިން ނުގެންދާ ކަމަށެވެ. އަދި އެކަން މިހާރު ހުރިހާ ތަނަކުންވެސް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ މި ހުރިހާ ކަމަކުންވެސް އެނގި ހާމަވެގެން ދަނީ މި ސަރުކާރުން މާލީ ކަންކަމަށް އެއްވެސް ފަރުވާލެއް ބަހައްތަމުން ނުގެންދާ ކަން ކަމަށެވެ.
ފިނޭންސް މިނިސްޓްރީ ނޫނަސް އަދި މާލީ ކަންކަމާއި ގުޅޭ، މިސާލަކަށް ކަސްޓަމްސް ކަހަލަ ތަންތަނުންވެސް ހަމަ އަޅުގަނޑުމެންނަށް ފެންނަނީ ރެގުލާކޮށް ނެރެން ޖެހޭ ރިޕޯޓުތައް ނެރުން ހުއްޓިފަ އޮތްތަން. ހަމަ ނޫސްވެރިން އެވާހަކަތައް ދެއްކީމަ ބުނަނީ، އެކަން ކުރާ ކުދިންނަށް އަދި އެކަން ނުކުރެވުިގެންނޭ މިއުޅެނީ. އޭގެން ވެސް ދައްކުވައި ދެނީ މާލީ ކަންކަމަށް މި ސަރުކާރުން އެއްވެސް އަހައްމިޔަތު ކަމެއް ނުދޭކަން.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ![]()
ޔައުގޫބް ވިދާޅުވީ ރާއްޖޭގެ މާލީ ކަންކަމަކީ މީގެ ކުރިން ދުވަހަކުވެސް، ފަރުވާކުޑަކޮށްލައިގެން ފަހުން ކުރަން ބަހައްޓާ ކަމެއް ނޫން ކަމަށާއި އެއީ ދުވަހުން ދުވަހަށް، މަހުންމަހަށް ނިންމާ އޭގެ ރިޕޯޓު އާންމުކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޔައުގޫބް ވިދާޅުވީ ގައުމެއްގައި މާލީ ހާލަތު ގޯސްވެއްޖެ ނަމަ ދެން އެގައުމެއް އެވަނީ މުޅިން ހަލާކުވީ ކަމަށެވެ. އަދި އެފަދ ބޭފުޅަކު ގައުމުގެ ވެރިކަމުގައި ހުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައި ވެސް ޔައުޤޫބް ވިދާޅުވިއެވެ.