ދަތުރު ކުރަމުން ދިޔަ ސިންގަޕޫރުގެ ކޮންޓެއިނަރ ބޯޓެއްގައި ރޯވުމާ ގުޅިގެން އިންޑިއާ ކޯސްޓްގާޑުން ބޯޓަށް އެހީވުމަށް މޮބިލައިޒް ކޮށްފިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ ޤައުމުގެ ދެކުނު ސަރަޙައްދުގެ ކަނޑުމަތީގައި ސިންގަޕޫރުގެ ދިދަ ނަގާފައިވާ ކޮންޓެއިނަރ އުޅަނދެއްގައި އަލިފާން ރޯވުމާ ގުޅިގެން، އިންޑިއާ އިން ހޯމަ ދުވަހު ކޯސްޓް ގާޑުގެ މަތިންދާ ބޯޓަކާއި ހަނގުރާމަމަތީ އުޅަނދެއް ވަނީ ފޮނުވާފައެވެ.
މި ހާދިސާގައި އުޅަނދުގެ ފަޅުވެރިންގެ ތެރެއިން 4 މީހުން ވަނީ ގެއްލިފައެވެ.
ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީ (އެމްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަޅުވެރިންގެ ތެރެއިން ބައެއް މީހުންނަށް "ޒަޚަމްތަކެއް" ވެފައިވާ ކަމަށާއި، 4 މީހުންގެ ޚަބަރެއް ނޭނގޭ ކަމަށެވެ.
އިންޑިއާގެ ކޯސްޓް ގާޑް މަތިންދާ ބޯޓަކުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، އުޅަނދުން ބޯ ދުން އަރަމުންދާ މަންޒަރާއި، އުޅަނދުގައި ވަރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ބެލެވޭ ގޮތައް ކޮންޓެއިނަރުތަކެއް ބުރައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ.
"ސިންގަޕޫރުގެ ދިދަ ނަގާފައިވާ ކޮންޓެއިނަރ އުޅަނދު އެމްވީ ވާން ހައި 503 ގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވޭ،" އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މި ހާދިސާ އަށް އެހީތެރި ވުމަށް ހަނގުރާމަމަތީ އުޅަނދެއް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 268 މީޓަރު (879 ފޫޓު) ދިގު މި އުޅަނދުގައި އަލިފާން ރޯވެފައިވަނީ ބޭޕޫރު އައްސޭރިން 78 ނޯޓިކަލް މޭލު ދުރުގައެވެ.
ސިންގަޕޫރުގެ އެމްޕީއޭ އިން ބުނެފައިވާ ގޮތުގައި، ޖުމްލަ 22 ފަޅުވެރިންގެ ތެރެއިން 18 މީހުންގެ "މައުލޫމާތު ލިބިފައިވާ" ކަމަށާއި، އެ މީހުން "އެހެން އުޅަނދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ" ކަމަށެވެ. އަދި "އެ މީހުންގެ ތެރެއިން ބައެއް މީހުންނަށް ޒަޚަމް ތަކެއް ވެފައިވާކަމަށް ރިޕޯޓުކުރެވިފައިވާ" ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޕީއޭ އިން ބުނެފައިވާ ގޮތުގައި 4 ފަޅުވެރިންގެ ޚަބަރެއް އަދިވެސް ނޭނގެއެވެ.
"އިންޑިއަން ކޯސްޓް ގާޑާއި އިންޑިއަން ނޭވީން ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ގެއްލިފައިވާ ފަޅުވެރިން ހޯދުމަށް މަސައްކަތް ކުރަމުންދާ" ކަމަށް އެމްޕީއޭ އިން ބުނެފައިވެއެވެ.
ނުރައްކާތެރި މުދާ އުފުލަމުންދިޔަ ލައިބީރިއާގެ ދިދަ ނަގާފައިވާ ކޮންޓެއިނަރ އުޅަނދެއް ވޭތުވެދިޔަ މަހު އިންޑިއާގެ ދެކުނުގައިވާ ކޭރަލާގެ އައްސޭރިފަށުގެ ސަރަހައްދަކަށް ވަނީ ފެތިފައެވެ. އިންޑިއާގެ ނޭވީން އެ އުޅަނދުގެ 24 ފަޅުވެރިން ސަލާމަތް ކުރިއެވެ.