އެމެރިކާގެ ލޮސް އެންޖެލެސް ގައި ސަލާމަތީ ބާރުތަކާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ އެއްގަމު އުޅަނދުތަކުގައި ރޯކޮށް ހަމަނުޖެހުންތައް އަދިވެސް ދަނީ ހިނގަމުންނެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ އަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުވުމާ ގުޅިގެން، އިތުރު ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ.
އެ ގޮތުން އެއްގަމު އުޅަނދުތަކުގައި ރޯކޮށް ސަލާމަތީ ބާރުތަކާ މުޒާހަރާ ކުރާ މިހުން ވަނީ ކުރިމަތިލާފައެވެ. އެއާއެކު ސަލާމަތީ ބާރުތަކުން މުޒާހަރާކުރާ މީހުން މައިތިރިކުރަން ކަރުނަގޭސް ޖަހާ، ލޮސް އެންޖެލެސްގެ ޑައުންޓައުން ސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން އާންމުންނަށް އަމުރުކުރިއެވެ.
ލެޓިނޯ ދަރިފަސްކޮޅަށް ނިސްބަތްވާ ބޮޑު އާބާދީއެއް ދިރިއުޅޭ ލޮސް އެންޖެލެސްގައި މުޒާހަރާތައް ފެށުނީ ހުކުރު ދުވަހުއެވެ.
މި މުޒާހަރާތައް ފެށުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގި ރެއިޑް ތަކެއްގެ ސަބަބުންނެވެ. މި ރެއިޑްތަކުގައި އޮތޯރިޓީތަކުން ބުނާގޮތުގައި ޤާނޫނާ ޚިލާފަށް އުޅޭ މީހުންނާއި ގޭންގު މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވުނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި އެމެރިކާގެ ރައީސް ވަނީ ޤާނޫނާ ޚިލާފަށް އެމެރިކާގައި ދިރިއުޅޭ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ނަމުގައި ކެލިފޯނިއާ އަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުވައިގެން ގަސްދުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައެވެ.
ނޭޝަނަލް ގާޑަކީ އާންމުކޮށް ސްޓޭޓް ގަވަރނަރުގެ ބާރުގެ ދަށުގައި ތައްޔާރީ ހާލަތުގައި ތިބޭ އަސްކަރީ ފައުޖެކެވެ.
މުޒާހަރާކުރާ މީހުން އޭއެފްޕީ އަށް ބުނިގޮތުގައި ސިފައިން ފޮނުވުމުގެ މަޤްޞަދަކީ އަމާންކަން ދެމެހެއްޓުމެއް ނޫނެވެ. މުޒާހަރާކުރާ މީހަކު މިކަން ސިފަކުރީ "ބިރުދެއްކުމުގެ އަމަލެއް" ގެ ގޮތުގައެވެ.
ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވިދާޅުވީ ޓްރަމްޕްގެ އަމުރަކީ "ސްޓޭޓްގެ މިނިވަންކަމަށް އަރައިގަތުން" ކަމަށެވެ. އަދި އެ އަމުރު އަނބުރާ ގެންދިއުމަށާއި "ކޮންޓްރޯލް އަނބުރާ ކެލިފޯނިއާ އަށް ދިނުމަށް" ރައީސަށް ގޮވާލެއްވިއެވެ.
އަދި އޭނާ މުޒާހަރާކުރާ މީހުންނަށް އިލްތިމާސް ކުރެއްވީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމަށެވެ. އަދި ހަމަނުޖެހުން ހިންގާ މީހުން ހައްޔަރު ކުރެވޭނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރުދެއްވިއެވެ.
"ޓްރަމްޕްގެ މަޅީގައި ނުޖެހޭ،" އޭނާ އެކްސް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވިދާޅުވިއެވެ.
Watch: Protesters clash with National Guard in #LosAngeles over immigration raids pic.twitter.com/BD0ARV0wPi
— CGTN (@CGTNOfficial) June 9, 2025
އޮތޯރިޓީތަކުން އާދީއްތަ ދުވަހުގެ ރޭ ވަނީ ލޮސް އެންޖެލެސްގެ ޑައުންޓައުން ސަރަހައްދަށް އެއްވުމަކީ "ޤާނޫނާ ޚިލާފް ކަމެއް" ކަމަށް އިޢުލާނު ކުރިއެވެ.
ޓްރަމްޕް ވިދާޅުވީ މުޒާހަރާކުރާ މީހުންނަކީ ހަމަނުޖެހުން އުފައްދާ ބައެއް ކަމަށެވެ. އަދި އޭނާ ވަނީ މޫނު ނިވާކޮށްގެން އުޅޭ މީހުން ވަގުތުން ހައްޔަރު ކުރުމަށް ވެސް އަމުރު ކުރައްވާފައެވެ.
އާދީއްތަ ދުވަހުގެ ކުރީކޮޅު ލޮސް އެންޖެލެސްގެ ޑައުންޓައުން ސަރަހައްދުގައި މުޒާހަރާކުރާ މީހުން އެއްވެފައިވަނިކޮށް މަދުވެގެން ތިން ކާރުގައި ރޯކޮށްލި މަންޒަރު ފެނިފައިވެއެވެ. އަދި ލޯކަލް ލޯ އެންފޯސްމަންޓް އޮފިސަރުން މުޒާހަރާކުރާ މީހުން ފޮނުވާލުމަށް ކަރުނަގޭހާއި ދުންއަރާ ބޮންތައް ބޭނުންކުރިއެވެ.
ދެ ދުވަހުގެ ތެރޭގައި މަދުވެގެން 60 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށާއި އަދި ތިން އޮފިސަރަކަށް ކުދިކުދި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.