ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސްޕެއިން މޮޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭޭ ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޔެރެމީ ޕިނޯ އެވެ. އެއީ ރޮބިން ލީ ނޯމަންޑް ތަަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
އޭގެ ހަ މިނެޓު ފަހުން ސްޕެއިންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދޭން ލިބުނު ފުރުސަތުގައި ފެރާން ޓޮރޭސް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އެއީ ޖޯޖިއާގެ އޭރިޔާ ތެރެއިން ޓޮރޭސް އަށް ކުރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މެޗުގެ ދެ ވަނަ ހާފުގައި ސްޕެއިން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ލަނޑު ސްޕެއިން އަށް ޖަހައިދިނީ މިކޭލް އޮޔާޒަބާލް އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ވަނީ އޮޔާޒަބާލް އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ފުއަންޓޭ ބުނީ އޮޔާޒަބާލް އަކީ ވަރަށް ހުނަރުވެރި އަދި އެހާމެ މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާ އަކީ ޚާއްސަ ސިފަ ތަކެއް ހުރި ކުޅުންތެރިޔެއް ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.
މީގެ އިތުރުން ފުއެންޓޭ ބުނީ ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކީ ވެސް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، މުހިންމު ބައެއް ކުޅުންތެރިން ނެތުމުގެ ފަޅުކަން ސްޕެއިންގެ ކުޅުމަކުން ނުފެނުނު ކަމަށެވެ. އޭނާ ބުނީ އެހެން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު އިންތިހާ އަށް ހިތްހަމަ ޖެހިގެން ހުރި ކަމަށެވެ.
ފުއެންޓޭ ބުނީ ސްޕެއިންގެ ފުޓުބޯޅައިގެ ވާހަކަ ދައްކާ ނަމަ، އެތައް އިރުތަކެއް ވަންދެން އެ ވާހަކަ ދެއްކޭނެ ކަމަށެވެ. ސްޕެއިން އިން މޮޅެތި އެތައް ކުޅުންތެރިންނެއް އުފެދިގެން އައިކަން ފާހަގަކޮށް އޭނާ ބުނީ، ފާއިތުވި 20 އަހަރު، ނުވަތަ 25 އަހަރަށް ބެލި ނަަމަވެސް އެކަން ފެންނަން އޮންނާނެ ކަމަށެވެ.
ކޮލިފިކޭޝަންގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ސްޕެއިން އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ތުރުކީ އަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ކޮލިފިކޭޝަންގައި ސްޕެއިން އަށް ދެން އޮންނާނީ ބަލްގޭރީއާ ދެކޮޅަށް ކުޅޭ މެޗެވެ.