އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާއިރު އިންޝުއަރެންސް ޕްލޭނެއް ނަގަން ލާޒިމުކުރާ އައު ގަވާއިދަަށް އަމަލު ކުރަން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް ގެނެސްފައިވާ ފަސްވަނަ އިސްލާހުގައި މި ކަން ލާޒިމްކޮށް ގަވައިދު ގެޒެޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
މި އިސްލާހުގެ ދަށުން، ޖޫން އެއް ވަނަ ދުވަހުން ފެށިގެން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަސައްކަތުގައި ހިމެނޭ މީހުންނާއި، އިމާރާތްތަކާއި މާހައުލު، އަދި ވަށައިގެންވާ ބިނާތަކާއި މުދަލަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު އިމާރާތްކުރާ ފަރާތްތަކުން ދޭން ޖެހޭނެއެވެ. މި ބަދަލު ދިނުމަށްޓަކައި ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް އިންޝުއަރެންސް ކަވަރޭޖް ހޯދުން ވަނީ ލާޒިމުކޮށްފައެވެ. މި ގަވާއިދުގެ ދަށުން، ކޮންމެ ޕްރޮޖެކްޓަކަށްވެސް މި ބާވަތުގެ އިންޝުއަރެންސް ކަވަރޭޖެއް ހޯދަންޖެހޭނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނުން ހާމަކުރި ގޮތުގައި އިމާރާތްކުރުމުގެ ދާއިރާގައި ހިނގާ ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކޮށްދޭނެ މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
އަދި މި އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ އިމާރާތް ކުރުމުގެ މަސައްކަތްތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންނާއި މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމުގެ ތަނަވަސްކޮށްދިނުމެވެ.