އެމެރިކާ ގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށް ފޮނުވާލުމަށް ހިންގާ އޮޕަރޭޝަން އާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކާ ގުޅިގެން ހިނގާ "ގާނޫނާ ޚިލާފު އަމަލުތައް" ކޮންޓްރޯލް ކުރުމަށް ކެލިފޯނިއާގެ ލޮސް އެންޖެލެސް ސިޓީ އަށް 2,000 ގައުމީ ސިފައިން ފޮނުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ލޮސް އެންޖެލެސް ގައި އިމިގްރޭޝަން ރެއިޑްތަކާ ދެކޮޅަށް މުޒާހަރާތަކާއި ހަމަނުޖެހުންތައް ކުރިއަށް ދާތާ ދެ ދުވަސް ވަނީ ފާއިތުވެފައެވެ.
ވައިޓް ހައުސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓްރަމްޕް ވަނީ އެމެރިކާގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް ސިޓީގައި "ގާނޫނާ ޚިލާފު ޢަމަލުތައް އިތުރުވެފައި ވާތީ އެކަން ހައްލު ކުރުމަށް" ގާޑްސްމަނުން ފޮނުއްވަން ނިންމާފައި ކަމަށެވެ.
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ވެސް އިންޒާރު ދެއްވާފައި ވަނީ ލޮސް އެންޖެލެސް ގައި "އަނިޔާވެރިކަން ކުރިއަށް ދާނަމަ" ޕެންޓަގަނުން އެކްޓިވް-ޑިއުޓީ ސިފައިން ފޮނުވަން ތައްޔާރަށް އޮތް ކަމަށެވެ. އަދި ކައިރީގައިވާ ކޭމްޕް ޕެންޑްލްޓަންގެ މެރީންސް "ހައި އެލާޓްގައި" ތިބި ކަމަށް ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވިދާޅުވެފައި ވަނީ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ރައީސް ޓްރަމްޕް ގެ މި ނިންމެވުމަކީ "ގަސްތުގައި ހަމަނުޖެހުން އުފެއްދުމަށް" ނިންމެވި ނިންމުމެއް ކަމަށެވެ.
އެކްސްގައި އޭނާ ވިދާޅުވެފައި ވަނީ ޓްރަމްޕް ނޭޝަނަލް ގާޑުން ފޮނުއްވަނީ "ގާނޫނު ތަންފީޒުކުރާ ފަރާތްތައް މަދުވެގެނެއް ނޫން، އެކަމަކު ބޭނުން ވަނީ ޝޯއެއް ދައްކަން" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، އެމެރިކާ ސަރުކާރަށް އެ ފުރުސަތު ނުދިނުމަށާއި، އަނިޔާވެރި ކަމަށް ފުރުސަތު ނުދީ ސުލްހަވެރި ކަމާއެކު އަޑު އުފުލުމަށެވެ.
ހޮނިހިރު ދުވަހުގެ މުޒާހަރާތަކުގައި، ސެކިއުރިޓީ އޮފިޝަލުން ރަޔަޓް ގިއަރުގައި ލޮސް އެންޖެލެސްގެ ދެކުނު އިރުމަތީގައިވާ ޕެރަމައުންޓް ސަރަހައްދުގައި އެތައް ސަތޭކަ މުޒާހަރާކުރާ މީހުންނާ ކުރިމަތިލައި، މައިތިރި ކުރަން ކަރުނަ ގޭސް ޖަހާފައިވެއެވެ. އެތަނުގައި ތިބި މީހުން އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އޭޖެންޓުންނަށް އެމީހުންގެ ސިޓީން ދިއުމަށް ގޮވާލިއެވެ.
މުޒާހަރާކުރާ ބައެއް މީހުން ތިބީ އަވައްޓެރި މެކްސިކޯގެ ދިދަ ހިފައިގެންނެވެ. އަދި އެމީހުންގެ މޫނު ވަނީ މާސްކުން ނިވާކޮށްފައެވެ. މުޒާހަރާ ކުރާ މީހުން ސަލާމަތީ ބާރުތަކާ ދިމާއަށް ހިލަ އާއި ފުޅި އާއި މިރުސްފެން އުކި ކަމަށް ރިޕޯޓްތައް ބުނެއެވެ. މުޒާހަރާ ކުރާ މީހުން ކާރެއްގައި އަލިފާން ޖަހާ ރޯކޮށްލި މަންޒަރު ވަނީ ހާމަވެފައެވެ.
މި ހަމަނުޖެހުންތައް ފެށުނީ އެ ސަރަހައްދުގައި އިމިގްރޭޝަން ރެއިޑްތައް ކުރިއަށްދާ ކަމުގެ ރިޕޯޓުތަކެއް ފެތުރުމާ ގުޅިގެންނެވެ.
އޭގެ ކުރީ ރޭގައިވެސް ލޮސް އެންޖެލެސްގައި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އެރޭ އައިސް އޭޖެންޓުން ސިޓީގެ އެކި ތަންތަނުގައި ރެއިޑްތައް ކޮށް، މަދުވެގެން 44 މީހުން އިމިގްރޭޝަން ގަވާއިދުތަކާ ޚިލާފުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރިއެވެ.
މި ހައްޔަރުކުރުންތަކާ ގުޅިގެން، މުޒާހަރާކުރާ މީހުން ފެޑެރަލް ޑިޓެންޝަން ސެންޓަރެއްގެ ބޭރުގައި އެއްވެ، ހައްޔަރުކުރެވުނު މީހުން ޕްރޮސެސްކުރަމުންދާ ތަނުގައި "އެމީހުން ދޫކޮށްލާ، އެމީހުން މިތާ ބައިތިއްބާ!" އޭ ގޮވަމުން ދިޔައެވެ.
ބައެއް މީހުން އައިސް އާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިއްބެވެ. އަދި ބައެއް މީހުން އިމާރާތުގައި ގްރެފިޓީ ކުރަހާފައިވެއެވެ.
ނޭޝަނަލް ގާޑް ފޮނުވަން ޓްރަމްޕް ނިންމެވި ނިންމުން އިޢުލާން ކުރަމުން، ވައިޓް ހައުސް އިން މުޒާހަރާކުރާ މީހުން ސިފަކޮށްފައިވަނީ "އަނިޔާވެރި" ބައެއް ގެ ގޮތުގައެވެ. އަދި އެމީހުން ލޮސް އެންޖެލެސްގައި "އާދައިގެ ޑިޕޯޓު ކުރުމުގެ" އޮޕަރޭޝަން ކުރިއަށް ގެންދާ އައިސް އޮފިސަރުންނާއި ފެޑެރަލް އޭޖެންޓުންނަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ.
"މި އޮޕަރޭޝަންތަކަކީ އެމެރިކާ އަށް ގާނޫނާ ޚިލާފަށް އަންނަ ކުށްވެރިން ހުއްޓުވުމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ. މިކަމުގެ ސަބަބުން، ކެލިފޯނިއާގެ ބާރެއް ނެތް ޑިމޮކްރެޓިކް ލީޑަރުން ވަނީ އެމީހުންގެ ރައްޔިތުން ރައްކާތެރިކުރުމުގެ ޒިންމާ މުޅިން އަދާނުކޮށް ދޫކޮށްލާފައި؛" ކަމަށް ވައިޓް ހައުސް އިން ބުނެފައިވެއެވެ.
"އެހެން ކަމުން ރައީސް ޓްރަމްޕް ވަނީ ގާނޫނާ ޚިލާފު ޢަމަލުތައް އިތުރުވެފައިވާތީ އެކަން ހައްލުކުރުމަށް 2,000 ނޭޝަނަލް ގާޑްސްމަނުން ފޮނުވުމަށް ޕްރެޒިޑެންޝަލް މެމޮރަންޑަމްއެއްގައި ސޮއިކުރައްވާފައެވެ."
ރައީސްގެ މި ފިޔަވަޅު އައީ އޭނާ އޭނާގެ ސޯޝަލް މީޑިއާ ނެޓްވޯކުގައި ނިއުސަމް އާއި ލޮސް އެންޖެލެސް މޭޔަރު ކަރެން ބާސް އަށް އިންޒާރު ދެއްވުމަށް ފަހުގައެވެ. އެ އިންޒާރުގައި ވިދާޅުވީ އެމީހުން "އެމީހުންގެ މަސައްކަތް ނުކުރާ ނަމަ، ފެޑެރަލް ސަރުކާރުން އެކަމަށް ނުކުމެ، ހަމަނުޖެހުން ހިންގާ ވައްކަން ކުރާ މީހުންގެ މައްސަލަ، ހައްލު ކުރާނީ އެކަން ހައްލުކުރަންޖެހޭ ގޮތަށް!!!" ކަމަށެވެ.
ނޭޝަނަލް ގާޑް ސިފައިން ފޮނުވާނެ ވަކި ތާރީޚެއް އަދި ސާފެއް ނުވެއެވެ.
ނަމަވެސް ޓްރަމްޕްގެ ބޯޑަރ ޗީފް، ޓޮމް ހޯމަން، ފޮކްސް ނިއުސް އަށް ވިދާޅުވެފައި ވަނީ ނޭޝަނަލް ގާޑުން ލޮސް އެންޖެލެސް އަށް ފޮނުވާނީ ހޮނިހިރު ދުވަހު ކަމަށެވެ.
އަލް ޖަޒީރާގެ ރިޕޯޓަރު ރޯސިލަންޑް ޖޯޑަން، ވޮޝިންގްޓަން ޑީސީން ރިޕޯޓުކުރި ގޮތުގައި ނޭޝަނަލް ގާޑް ފޮނުވަން ޓްރަމްޕް ނިންމެވި ނިންމުމާ ގުޅިގެން ކަންބޮޑުވުންތައް އުފެދި، ގާނޫނީ ސުވާލުތައް އުފެދިފައިވެއެވެ.
"ލޮސް އެންޖެލެސް އަށް ނޭޝަނަލް ގާޑުން 1992 އިން ފެށިގެން މިދިޔަ މުއްދަތުގައި ފޮނުވާފައެއް ނުވެއެވެ. 1992 ގައި ނޭޝަނަލް ގާޑުން ފޮނުވީ ރޮޑްނީ ކިންގް ނަމަކަށް ކިޔާ އާންމު ރައްޔިތަކަށް ފުލުހުން ތަޅާ އަނިޔާކުރި މައްސަލައިގައި ހިނގި ހަމަނުޖެހުންތައް މައިތިރި ކުރުމަށެވެ.
ކެލިފޯނިއާ ގަވަރނަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި ޓްރަމްޕް ވަނީ "ޓައިޓަލް ޓެން އޮތޯރިޓީގެ" ގެ ދަށުން ކެލިފޯނިއާގެ ނޭޝަނަލް ގާޑްގެ ބައެއް ގައުމީ ސިފައިންގެ ގޮތުގައި ހައްދަވާފައެވެ. ޓައިޓަލް ޓެން އޮތޯރިޓީގެ ދަށުން ކެލިފޯނިއާގެ ނޭޝަނަލް ގާޑުންނަށް އަމުރު ކުރުމުގެ ބާރު ގަވަރނަރުގެ ބަދަލުގައި ރައީސް އަށް ލިބިވަޑައިގަންނަވައެވެ.
ސިވިލް އަދި އިންސާނީ ޙައްޤުތަކުގެ ވަކީލު ރޮބަޓް ޕެޓިލޯ ވިދާޅުވެފައިވަނީ ގަވަރނަރު ބައިޕާސްކޮށް ސިފައިން ފޮނުއްވަން ރައީސް ނިންމެވި ނިންމުމަކީ ފަހުގެ ތާރީޚުގައި "އާދަޔާ ޚިލާފު" ކަމެއް ކަމަށެވެ.
"ސިފައިންނަކީ ފުލުހުންނެއް ނޫނެވެ. އެހެން ކަމާއެކު އެމީހުންނެއް ގާނޫނު ތަންފީޒުކުރުމުގައި ބޭނުމެއް ނުކުރެއެވެ. މިއީ އެ ސަރަހައްދުގެ މީހުންނަށް ވަރަށް ނުރައްކާތެރި ކަމެކެވެ."
ޕެޓިލޯ އިތުރަށް ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ފިޔަވަޅަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޅާ ހުރަހެއް ކަމަށާއި އެއީ އެމެރިކާގެ ޤާނޫނު އަސާސީގެ އަސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށެވެ.
އިމިގްރޭޝަން ރެއިޑްތަކަކީ ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ވަޢުދުވެފައިވާ ގޮތަށް ރެކޯޑު އަދަދަކަށް ޤައުމުގައި ޑޮކިއުމަންޓް ނެތި ދިރިއުޅޭ މީހުން ޑިޕޯޓް ކުރުމަށް ހިންގޭ އޮޕަރޭޝަނެކެވެ. މި ވައުދުގެ ދަށުން ޔޫއެސް-މެކްސިކޯ ބޯޑަރު ވެސް ވަނީ ބަންދު ކޮށްފައެވެ.
ވައިޓް ހައުސް އިން އައިސް އަށް ދުވާލަކު މަދުވެގެން 3,000 މީހުން ހައްޔަރުކުރުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާ އެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ހަވާލު ކޮށްފައެވެ.
ނަމަވެސް ޤައުމުގައި ޤާނޫނީ ގޮތުން ދިރިއުޅޭ ބިދޭސީންނާއި ދާއިމީ ރެސިޑެންސީ އޮންނަ ބައެއް މީހުންވެސް، މި ފުޅާ އިމިގްރޭޝަން ރެއިޑްތަކުގައި ހިފެހެއްޓިފައިވެއެވެ. މިކަމުގެ ސަބަބުން ޤާނޫނީ ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ.
"ޑޮނަލްޑް ޓްރަމްޕް މި އިންތިޚާބު [2024 ގައި] ކާމިޔާބު ކުރެއްވީ ތާރީޚުގައި އެންމެ ބޮޑު ޑިޕޯޓޭޝަން ޕްރޮގްރާމެއް ފަށާނެ ކަމުގެ ވާހަކަ ދައްކަވައިގެންނެވެ،" އަލްޖަޒީރާގެ ރިޕޯޓަރު ހާމަކޮށްފައިވެއެވެ. "ޓްރަމްޕް އަށް ލޮސް އެންޖެލެސް ފަދަ ގަވައިދާ ޚިލާފަށް ދިރިއުޅޭ މީހުންނަށް "ރައްކައުތެރިކަންދޭ" ސިޓީތަކުން ނަފްރަތު އޮންނަކަން އެނގެއެވެ. މިއީ ޑޮކިއުމަންޓް ނެތި ދިރިއުޅޭ މީހުން ޑިޕޯޓް ކުރުމަށް މައި ސަރުކާރަށް އެހީތެރިވެދޭން އިންކާރުކުރާ ސިޓީތަކެކެވެ."
ލޮސް އެންޖެލެސް އަކީ އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީއެވެ. މި ސިޓީ ގައި ލެޓިން ދަރިފަސްކޮޅަށް ނިސްބަތްވާ ބޭރު ގައުމުތަކަށް ނިސްބަތްވާ ބޮޑު އާބާދީއެއް އޮވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޑޮކިއުމަންޓް ނެތި ދިރިއުޅޭ މީހުން ކަމަށް އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.
އައިސް އިން ބުނެފައިވަނީ އިތުރު ރެއިޑްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ގައުމުގެ އެކި ކަންކޮޅުތަކުގައި މިފަދަ މަންޒަރުތައް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.