ކ. މާލެ
|
8 ޖޫން 2025 | އާދީއްތަ 12:29
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
ރޮއިޓަރސް
ފީފާ ކުލަބް ވޯލްޑް ކަޕް
ކުލަބު ވޯލްޑް ކަޕްގައި ކުޅެން ބޭނުން ނުވާ ކަމަށް ރޮނާލްޑޯ ބުނެފި
ކުލަބު ވޯލްޑް ކަޕްގައި ކުޅުމަށް، އެ މުބާރާތުގައި ބައިވެރިވާ ބައެއް ޓީމުތަކުގެ ފަރާތުން ހުށަހެޅުން ލިބިފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

އެމެރިކާގައި އޮންނަ ފީފާ ކުލަބު ވޯލްޑް ކަޕްގައި ކުޅެން ބޭނުން ނުވާ ކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ މިވަގުތު ކުޅެމުން އަންނަނީ ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ތެރޭގައި ހަމަވާނެ އެވެ. އެ ކުލަބުގެ އެއްބަސްވުން ރޮނާލްޑޯ މިހާތަނަށް އައު ކޮށްފައި ނުވާއިރު، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން އެކި ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ދާދި ފަހުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ، ކުލަބު ވޯލްޑް ކަޕްގައި ރޮނާލްޑޯ ފެނިދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭރު އޭނާ ވިދާޅުވީ ރޮނާލްޑޯ އަންނަނީ ބައެއް ކުލަބުތަކާ އެކު މަޝްވަރާތައް ވެސް ކުރިއަށް ގެންދަމުން ކަމަށެވެ.

އެކަމާ ގުޅިގެން ރޮނާލްޑޯ ބުނީ، މިވަގުތު ޤައުމީ ޓީމު ނޫން އެހެން ކަމެއްގެ ވާހަކަ ދެއްކުމަކީ އެހާ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. މިވަގުތު ރޮނާލްޑޯ އަންނަނީ ޕޯޗުގަލް އާއެކު، ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނިކުންނަން ތައްޔާރު ވަމުންނެވެ.

އެކަމާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނީ، ބައެއް ކުލަބުތަކުން ހުށަހެޅުން ލިބިފައިވާ ކަމަށެވެ. ރޮނާލްޑޯ ބުނީ އެ ހުރިހާ ކުލަބަކަށް ނުދެވޭނެ ކަމަށާއި، ކުރު، މެދު އަދި ދިގު ފަންތީގެ މުސްތަޤުބަލާ މެދު ވެސް ވިސްނަން ޖެހޭނެ ކަމަށެވެ.

އިތުރަށް ރޮނާލްޑޯ ބުނީ، ކުލަބު ވޯލްޑްގައި ބައިވެރި ނުވުމަށް، ނުވަތަ އެ މުބާރާތުގައި ނުކުޅުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކުލަބު ވޯލްޑް ކަޕްގައި ކުޅުމަށް، އެ މުބާރާތުގައި ބައިވެރިވާ ބައެއް ޓީމުތަކުގެ ފަރާތުން ހުށަހެޅުން ލިބިފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ މިފަދައިން ވާހަކަ ދައްކާފައިވާއިރު، އަލް ނަޞްރުން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަލް ނަޞްރުގެ ޑިރެކްޓަރ ފެނާންޑޯ ހިއެރޯ ވިދާޅުވެފައި ވަނީ، ރޮނާލްޑޯގެ އެއްބަސްވުން އައު ކުރަން އަލް ނަޞްރުން ބޭނުންވާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ރޮނާލްޑޯއާ އެކު މިހާރު ވެސް ކުރެވެމުން އަންނަ ކަމަށް ވެސް ހިއެރޯ ވިދާޅުވެފައިވެ އެވެ.

އަލް ނަޞްރަށް ބަދަލުވި ފަހުން ރޮނާލްޑޯ ވަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ އެ ކުލަބާ އެކު ރޮނާލްޑޯ ހޭދަ ކުރި ތިން ވަނަ ސީޒަނެވެ. އޭނާ ވަނީ މި ތިން ސީޒަންގެ ތެރޭގައި އަލް ނަޞްރަށް ކުޅެދިން 111 މެޗުގައި 99 ލަނޑު ޖަހައިފަ އެވެ. އަލް ނަޞްރާ އެކު ރޮނާލްޑޯ ވަނީ 2023 ވަނަ އަހަރުގެ އަރަބް ކުލަބު ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މި ނިމުނު ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް ރޮނާލްޑޯ އެވެ. އޭނާ ވަނީ ސައުދީ ލީގުގައި އަލް ނަޞްރަށް ކުޅެދިން 30 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މިދިޔަ ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރޮނާލްޑޯ އެވެ.

- ކޮމެންޓް