ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގުރޫޕް އެފްގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި އާމޭނިއާ އަތުން މޮޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާއޯ ފެލިކްސް އެވެ. އެ ލަނޑު ޖަަހަން ފެލިކްސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔާއޯ ކަންސޭލޯ އެވެ.
އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޕޯޗުގަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ޖެހި ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައި، އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޕޯޗުގަލް އަށް އެ ލަނޑު ޖަހައިދިނީ ކަންސޭލޯ އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ރޮނާލްޑޯ އެވެ. އަދި މެޗުގައި ޕޯޗުގަލްގެ ފަސް ވަނަ ލަނޑު، ފެލިކްސް ޖެހީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ، މޮޅަކުން ކޮލިފިކޭޝަން ފެށުމަކީ ޕޯޗުގަލް އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޚާއްސަކޮށް މެޗުގައި ޕޯޗުގަލްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ.
އިތުރަށް ވާހަކަ ދައްކަމުން މާޓިނޭޒް ބުނެފައި ވަނީ، ޕޯޗުގަލް އިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި، ޕޯޗުގަލް އިން ޖެހި ކޮންްމެ ލަނޑެއްގައި ވެސް އޮތީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށެވެ. އޭނާ ބުނީ މެޗަށް ފުރިހަމަ އަށް ތައްޔާރު ވެވުނު ކަމަށާއި، ބޭނުން ވަނީ އެ ރޫޙުގައި ތިބެ ކުރިއަށް ދާން ކަމަށެވެ.
ކޮލިފިކޭޝަންގައި ޕޯޗުގަލް އަށް ދެން އޮންނާނީ ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗެވެ.