ކ. މާލެ
|
7 ޖޫން 2025 | ހޮނިހިރު 11:05
ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުން އުޅެމުން އަންނަ ޓެންޓުތަކެއް ފެންނަ މަަންޒަރު
ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުން އުޅެމުން އަންނަ ޓެންޓުތަކެއް ފެންނަ މަަންޒަރު
ރޮއިޓަރސް
ޣައްޒާ-ހަނގުރާމަ
ޣައްޒާގެ ބައެއް ސަރަހައްދުތަކުން މީހުން ނެރުމަށް އިސްރާއީލް އިން އަމުރު ކޮށްފި
އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗައި އަދްރާއީ ވިދާޅުވީ، މިއީ އިސްރާއީލް އިން ކުއްލި ގޮތެއްގައި ދޭން ނިންމި، އެންމެ ފަހުގެ އިންޒާރު ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ތެރެއިން، ޣައްޒާގެ ބައެއް ސަރަހައްދުތަކުން މީހުން ނެރުމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އަމުރު ކޮށްފި އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން މިފަދައިން އަމުރު ކޮށްފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އިސްރާއީލް އިން ބުނެފައި ވަނީ އެއީ، ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދާ ހަނގުރާމައިގެ އިތުރު ފިޔަވަޅެއް ކަމަށެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗައި އަދްރާއީ ވިދާޅުވީ، މިއީ އިސްރާއީލް އިން ކުއްލި ގޮތެއްގައި ދޭން ނިންމި، އެންމެ ފަހުގެ އިންޒާރު ކަމަށެވެ. އެގޮތުން އިސްރާއީލަށް ހަމަލާ ދިނުމަށް ރާވާ ކޮންމެ ދިމާލަކަށް ހަމަލާތައް ދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން މިފަދައިން އަމުރު ކޮށްފައި ވަނީ އަޟްޙާ އީދާ ދިމާކޮށެވެ. އެކަމާ ގުޅިގެން ބައިނަލްއަްޤުވާމީ މުޖުތަމައުގެ ނުރުހުން ވަނީ އިސްރާއީލަށް އަމާޒުވެފަ އެވެ. އަދި ހަމާސް އިން ވެސް ވަނީ އެއީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށާއި، އިސްރާއީލް އިން އުޅެނީ ހަނގުރާމައިގެ އިތުރު ކުށްތަކެއް ހިންގަން ކަމަށް ބުނެފަ އެވެ.

ހަމާސްގެ ފަރާތުން ވާހަކަ ދައްްކަވަމުން ޚަލީލް އަލް ހައްޔާ ވިދާޅުވެފައި ވަނީ، ދާއިމީ ގޮތެއްގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާތައް ފެށުމަށް އެ ޖަމާއަތުން އޮތީ ތައްޔާރަށް ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވީ ނަމަވެސް، ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށްޓަކައި ކުރަމުން އަންނަ މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވެ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ވަނީ އެ ޤައުމުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް ޝަހީދު ކޮށްލައިފަ އެވެ. އެގޮތުން މި ހަނގުރާމައިގައި ޣައްޒާ އިން ވަނީ މިހާތަނަށް 54،677 މީހުން ޝަހީދު ކޮށްލާފައި ކަމަށް އިދާރާ ތަކުން ވަނީ ހާމަކޮށްފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ މެދު ކަނޑާލުމަށް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ އެއްބަސްވެ، ހަނގުރާމަ މެދު ކަނޑާލައިފަ އެވެ. ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަލުން ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ. އޭގެ ފަހުން މިހާތަނަށް ޣައްޒާ އިން ވަނީ 4402 މީހަކު ޝަހީދު ކޮށްލައިފަ އެވެ. 

ޣައްޒާ އަށް ހަމަލާތައް ދިނުމުގެ އިތުރުން، އިސްރާއީލް އިން އަންނަނީ އެ ޤައުމަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް ވެސް ހުރަސް އަޅަމުންނެވެ. އެގޮތުން ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމުގެ މަދު މިންވަރަކަށް ހުއްދަ ދިން ނަމަވެސް، އިސްރާއީލްް އިން އަންނަނީ އެހީ ބަހަމުން އަންނައިރު ވެސް ޣައްޒާ އަށް ހަމަލާތައް ދެމުންނެވެ.

- ކޮމެންޓް