މި ސަރުކާރުން ދެކޭ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމަކީ އިސްރާފެއް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ ކައުންސިލްތަކަށް ފައިސާ ލިބުމުގައި ދަތިވެފައިވާ ކަމަށާއި، ވަރަށް ގިނަ ކައުންސިލްތަކުން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ހަމައެކަނި ފެންނަ ބަޖެޓަކީ ކައުންސިލްގެ ބަޖެޓު ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ކައުންސިލަށް ފައިދާ ދޫކުރުމަކީ ނުވަތަ ފައިސާ ލިބޭނެ ގޮތްތައް ފަހިކުރުމަކީ އިސްރާފެއް ކަމަށް މިސަރުކާރުން ދެކޭ ކަމަށެވެ.
މިހާރަކު ކުރިން އެލިބޭ ގޮތަކަށް އެ ނުލިބޭކަން އެބަ ފާހަގަކުރޭ. ދެން އަޅުގަނޑުމެންނަށް އެބަ އެނގޭ މިސަރުކާރުން ހަރަދު ކުޑަ ކުރުމަށް ހަމައެކަނި ފެންނަނީ ކައުންސިލަށް އޮންނަ ބަޖެޓު. ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްއަކަށް މިއޮންނަނީ މި ދޭ ބަޖެޓުގައި މިއޮންނަނީ 2.4 ބިލިއަން. ނިސްބަތުން ބޮޑު އެއްޗެއް ނޫން ހުރިހާ ކައުންސިލްތަކަށް ބަލާލާއިރު މިދެނީ. އެދޭ ފައިސާ އަކީ އަޅުގަނޑުމެންނަށް އަބަދުވެސް މިފެންނަނީ މިސަރުކާރަށް މިފެންނަނީ އެއީ އިސްރާފެއްގެ ގޮތުގައި އެނގޭތޯ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު![]()
މިސަރުކާރުން ކައުންސިލްތައް ފުނޑާލުމުގެ މަސައްކަތް ކުރާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން އެމަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އަތޮޅު ކައުންސިލް އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ. ނަމަވެސް އަތޮޅު ކައުންސިލް އުވާލުމަކީ ބުއްދުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެބޭފުޅުން ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި އުފެއްދި ކައުންސިލްތަކުގެ ނިޒާމު ގެއްލުވާލުން ނޫނިއްޔާ ފުޑާލުމުގެ މަސައްކަތްތަކެއް ކުރާތަން އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. އޭގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުން. އަތޮޅު ކައުންސިލަކީ އޭގެ ޒާތުގައި އޮންނަން ކޮންމެހެން ޖެހޭ އެއްޗެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެއީ އަޅުގަނޑުމެން ކައުންސިލްތަކާ އެއްކޮށް އަންނަ ކަމެއް މިއީ ކޮންމެވެސް ވަރަކަށް ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ކްލޭޝް ނޫނީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ބުރުލެއް އެބަ އާދޭ. އެ އެއްބައިވަންތަކަން ހިފެހެއްޓޭނީ އަޅުގަނޑުމެން އަތޮޅެއްގެ ގޮތުގައި އަޅުގަނޑުމެން އަތޮޅު ކައުންސިލް ވަރަށް ބޮޑު ރޯލެއް ކުޅޭ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ހިފެހެއްޓުމަށްޓަކައި. އެހެންވީމަ ދާހިލީ ހަމަޖެހުމަކީ ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތައް ޕޮލިސީތައް ބައްޓަންކުރާއިރު.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު![]()
މެންބަރު ޝަމްހީދު ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދޭންޖެހޭ ކަމަށެވެ. ނަމަވެސް މިމަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ އިތުރަށް ލިބޭނެ ގޮތްވުމުން އެކަމުގެ ފައިދާ ސަރުކާރަށް ކުރާނެ ކަމަށާއި، ދައުލަތަށް ލުއިވާނެ ކަމަށެވެ.